ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 18:45
ރަޝިއާގެ އެތްލީޓުން 2014 ވަނަ އަހަރު ސޯޗީގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި
ރަޝިއާގެ އެތްލީޓުން 2014 ވަނަ އަހަރު ސޯޗީގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި
ރޮއިޓަރސް
ރަޝިއާ އެތްލީޓުން
ސަސްޕެންޑް ކުރި ރަޝިއާގެ އެތްލީޓުންގެ ސަސްޕެންޝަން އުވާލައިފި
ރަޝިއާގެ 28 އެތްލީޓެއްގެ ސަސްޕެންޝަން ބައިނަލްއަގްވާމީ އޮލިމްޕިކްސް ކޮމިޓީއިން އުވާލައިފި

މި މަހުގެ ތެރޭގައި ދެކުނު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރެވިފައިވާ ރަޝިއާގެ 28 އެތްލީޓެއްގެ ސަސްޕެންޝަން ބައިނަލްއަގްވާމީ އޮލިމްޕިކްސް ކޮމިޓީއިން އުވާލައިފިއެވެ.

މި އެތްލީޓުން ސަސްޕެންޑް ކުރީ 17 މަސް ދުވަހުގެ ދިގު ތަހުގީގަކަށް ފަހު 2014 ވަނަ އަހަރު އެ ގައުމުގެ ސޯޗީގައި ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމާއެކު މަނާ ބޭސް ބޭނުންކުރި ކަމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ. މި މައްސަލައިގައި 28 އެތްލީޓަކު އުމުރު ދުވަހަށް ސަސްޕެންޑްކޮށް، މެޑަލްތައް އަތުލިއެވެ. ހަމައެހެންމެ ރަޝިއާ ވެސް ގައުމެއްގެ ގޮތުގައި ފިނި މޫސުމުގެ އޮލިމްޕިކްސްގައި ބައިވެރިވުން މަނާ ކުރިއެވެ.

އެހެން ނަމަވެސް އައިއޯސީއިން ނެރުނު ބަޔާނެއްގައި ވަނީ މި އެތްލީޓުންނާއި ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަކީ އެ އެތްލީޓުންނަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދެވޭވަރުގެ ހެކިތަކެއް ނޫން ކަމަށެވެ. އައިއޯސީއިން ބުނީ އެ އެތްލީޓުންނަށް މި ފެށޭ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ބައިވެރިނުވެވޭނެ ކަމަށާއި އެހެން ނަމަވެސް އެ އެތްލީޓުންގެ ސަސްޕެންޝަން އުވާލެފައިވާ ކަމަށެވެ. އެ އިދާރާއިން ވަނީ އެތްލީޓުންގެ ސަސްޕެންޝަނާއިމެދު ގޮތެއް ނިންމުމުގައި ލަސްވުމާއި ގުޅިގެން އެ އެތްލީޓުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.

އައިސޯއިން ބުނީ 28 އެތްލީޓުންގެ ސަސްޕެންޝަން އުވާލެވުނު ނަމަވެސް އެ އެތްލީޓުންގެ ތެރޭގައި ނުހިމެނޭ 11 އެތްލީޓުންގެ ސަސްޕެންޝަން އުވާލެވިފަ ނުވާ ކަމަށެވެ. އެ އިދާރާއިން ބުނީ މިފަދަ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެ އިދާރާގެ ބާރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ މި މައްސަލައިގައި ސްވިޓްޒަލޭންޑުގެ ފެޑެރަލް ޓްރައިބިއުނަލްގެ ލަފަޔަށް އެދިފައިވާ ކަމަށް ވެސް އައިސޯއިން ބުނެއެވެ.

މި މައްސަލައިގައި ރަޝިއާ ސަސްޕެންޑް ކުރެވުމާއެކު އެ ގައުމުން ވަނީ އައިއޯސީއަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލާފައެވެ. ރަޝިއާ ސަސްޕެންޑް ކުރި ނަމަވެސް އެ ގައުމުގެ އެތްލީޓުންނަށް ގައުމު ތަމްސީލް ނުކުރާ ގޮތަށް މި މުބާރާތުގައި ވާދަކުރެވޭނެއެވެ. އެގޮތުން މި ސަސްޕެންޝަނާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވީ މިއީ ސިޔާސީ މަންފާއެއް ހޯދަން ބަޔަކު ރާވައިގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. މި ނިންމުމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ އެ ގައުމުގެ އެތްލީޓުންނަށް އޮލިމްޕިކްސްގައި ވާދަކުރުން މަނާ ނުކުރާނެ ކަމަށާއި އެ އެތްލީޓެއްގެ އަމިއްލަ ގާބިލްކަން ތަންދޭނަމަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

ރަޝިއާ އާއި ދެކޮޅަށް ހިންގުނު ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ސްވިޓްޒަލޭންޑުގެ ކުރީގެ ރައީސް ސެމުއެލް ޝްމިޑްއެވެ. މި މައްސަލައާއި ގުޅިގެން އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަކް ވިދާޅުވީ ރަޝިޔާގެ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އޮލިމްޕިކް ކުޅިވަރުތަކާ ޖުމްލަކޮށް ކުޅިވަރުގެ ރޫޙާ ޚިލާފަށް ރަޝިޔާއިން ކުރިކަމެއް ކަމަށެވެ.

މި މަހު ފެށޭ އޮލިމްޕިކްސް ވެގެންދާނީ 1984 ވަނަ އަހަރުގެ ފަހުން އޮލިމްޕިކްސްގެ މުބާރާތެއްގައި ރަޝިއާގެ އެތްލީޓުން ފެނިގެން ނުދާނެ ފުރަތަމަ މުބާރާތަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް