ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 17:55
ލޫކަސް ޓޮޓެންހަމްގެ ޖާޒީގައި
ލޫކަސް ޓޮޓެންހަމްގެ ޖާޒީގައި
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ޕީއެސްޖީ ދޫކޮށް ލޫކަސް މޫރާ ޓޮޓެންހަމްއަށް
ޕީއެސްޖީ ދޫކޮށް އޭނާ ޓޮޓެންހަމްއަށް ސޮއިކުރީ 23 މިލިއަން ޕައުންޑްގެ ފީއަކަށް
އޭނާ ޓޮޓެންހަމްއާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި
ޓޮޓެންހަމްގައި އޭނާ ބޭނުންކުރާނީ 27 ނަމްބަރު ޖާޒީ

ފްރާންސްގެ ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ވިންގަރ ލޫކަސް މޫރާ އެ ޓީމު ދޫކޮށް އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ބަދަލުވެއްޖެއެވެ.

މި ނިމުނު ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށް އޭނާ ޓޮޓެންހަމްއަށް ސޮއި ކުރީ 23 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ޓޮޓެންހަމްއާއެކު ސޮއިކޮށްފައި ވަނީ ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ޓީމުގައި ދެމި ހުންނާނެއެވެ. އޭނާ ވެގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ޑެލޭ އަލީ ގެނައިފަހުން ޓޮޓެންހަމްއިން ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގެ އެންމެ ފަހު ދުވަހުގައި ގެނައި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޓޮޓެންހަމްގައި އޭނާ ބޭނުން ކުރާނީ 27 ނަމްބަރު ޖާޒީއެވެ.

ޓޮޓެންހަމްއަށް ލޫކަސް ސޮއި ކޮށްފައިވަނީ އޭނާ ހޯދުމަށް ސްޕެއިންގެ ސެވިއްޔާ އަދި ވެލެންސިއާގެ އިތުރުން އިޓަލީގެ ނަޕޯލީއިން މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އެ ޓީމަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ލޫކަސް ބުނީ މިއީ އޭނާގެ ކެރިއަރުގައި އާ ތަޖުރިބާއެއް ކަމަށާއި ޓޮޓެންހަމްއަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރާނެ ކަމަށެވެ. އޭނާ ބުނީ ޓޮޓެންހަމްގައި ތިބީ ކޮލިޓީ ކުޅުންތެރިން ކަމަށާއި އެ ޓީމަށް ބޮޑު މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފެންވަރު ވެސް ޓޮޓެންހަމްގައި އެބަހުރި ކަމަށާއި އެ ކްލަބްއަށް ސޮއިކުރެވުމަކީ އޭނާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ލޫކަސް ބުނީ ޓޮޓެންހަމްއަކީ ބޮޑު ކްލަބްއެއް ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން ހިފުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. ހަމައެހެންމެ އެ ޓީމުގައި ރަނގަޅަށް މަސައްކަތްކޮށް އޭނާގެ ފެންވަރު ދައްކާލުމަށް ކެތް މަދުވެފައި ހުރި ކަމަށް ލޫކަސްގެ މި އިންޓަވިއުގައި  ބުނެފައިވެއެވެ.

ލޫކަސް ޕީއެސްޖީ ދޫކޮށްލީ އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުން މަދުވުމާއި ގުޅިގެންނެވެ. އާ ކްލަބެއް ހޯދުމަށް ލޫކަސްއަށް ޕީއެސްޖީގެ ކޯޗު އެންގީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މި ސީޒަނުގައި ޕީއެސްޖީގެ ޖާޒީއިން ފެނިފައިވަނީ އެންމެ ހަ މެޗުގައެވެ. އެ ހުރިހާ މެޗެއްގައި ވެސް އޭނާ ކުޅެން އަރާފައިވަނީ ބެންޗުންނެވެ. ލޫކަސް ވިއްކާލުމާއި ގުޅިގެން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ އެކަމަށް ފާޑުކިޔައި މީޑިއާގައި ވާހަކަ ދައްކާފައެވެ.

ބްރެޒިލްގެ ސައު ޕައުލޯ ދޫކޮށް އޭނާ ޕީއެސްޖީއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ އެ ޓީމާއި ގުޅިފައިވަނީ 33.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެކްލަބަށް 229 މެޗު ކުޅެދީފައެވެ. މިމުއްދަތުގައި މޫރާ އެކްލަބަށް 46 ލަނޑު ޖަހައިދީ، 50 ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައިވެއެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސްގެ 13 މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގު ޗެމްޕިއަންކަން 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފައިވާ ލޫކަސް މޫރާ ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ރިހި މެޑަލް ހޯދާ، 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް