ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 14:29
ޖިރޫ ޗެލްސީގެ ޖާޒީ ހިފަހައްޓާލައިގެން
ޖިރޫ ޗެލްސީގެ ޖާޒީ ހިފަހައްޓާލައިގެން
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ޖިރޫ ޗެލްސީއަށް، ބަޓްޝުއާއީ ޑޯޓްމަންޑަށް
ޖިރޫ ޗެލްސީއަށް ބަދަލުވީ 18 މިލިއަން ޕައުންޑްގެ ފީއަކަށް
ބަޓްޝުއާއީ ޑޯޓްމަންޑަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން

އާސެނަލްއަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އޮލިވިއާ ޖިރޫ ޗެލްސީއަށް ސޮއިކުރުމާ އެކު އެ ޓީމަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް މިޗީ ބަޓްޝުއާއީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ސޮއިކޮށްފިއެވެ.

ޖިރޫ އާސެނަލް ދޫކޮށްލީ ޑޯޓްމަންޑަށް ކުޅެމުން އައި ގެބޯންގެ ބައިނަލްއަގްވާމީ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ އާސެނަލްއަށް ގެނައުމާ ގުޅިގެންނެވެ. އޭނާ ޗެލްސީއާ އެކު ސޮއިކޮށްފައި ވަނީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެހެންކަމުން 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް އޭނާ ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެވެ. ޗެލްސީ އިން ވަނީ ޖިރޫ ގެންދިޔުމަށް 18 މިލިއަން ޕައުންޑްގެ ފީއެއް އާސެނަލްއަށް ދައްކާފައެވެ. ޗެލްސީގައި އޭނާ ބޭނުންކުރާނީ ވެސް 18 ނަމްބަރު ޖާޒީއެވެ.

އާސެނަލްގައި ހަ އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއަށް ބަދަލުވުމަށް ފަހު ޖިރޫ ނެރުނު ބަޔާނެއްގައި ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސަތައް ދުވަހަކު ވެސް ހަދާނުން ފޮހެވިގެން ނުދާނެ ކަމަށާއި އެ ކްލަބްގެ ސަޕޯޓަރުންދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. ޖިރޫ ބުނީ ޗެލްސީއަކީ ވޭތުވެދިޔަ ހަ އަހަރު ތެރޭ އެންމެ ގިނައިން ޕްރިމިއާ ލީގު ހޯދި ޓީމު ކަމަށާއި އެ ކްލަބްއަކީ އިނގިރޭސިވިލާތުގައި ވެސް އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީއަށް ކުޅުމަކީ ލިބޭ ފަހުރެއް ކަމަށާއި އެ ކްލަބްއަށް ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ.

ޖިރޫ އާސެނަލް ދޫކޮށްލުމާއި ގުޅިގެން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާއަކީ އެތަކެއް މެޗުތަކުން އާސެނަލް މޮޅުކޮށްދިން ކުޅުންތެރިއެއް ކަމަށާއި އާސެނަލްގައި ހުރެ އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ފްރާންސްގެ ގައުމީ ޓީމުން ވެސް މިހާރު ފުރުސަތު ލިބެމުންދާ ކަމަށެވެ. އޭނާ ބުނީ ޖިރޫއަކީ އަބަދު ވެސް ކުޅޭ ޓީމަކަށް 100 އިން ސައްތަ ދޭ ކުޅުންތެރިޔެއް ކަމަށެވެ.

ޖިރޫ ޗެލްސީއަށް ގެނައީ އެ ޓީމު ދޫކޮށް ބެލްޖިއަމްގެ ޒުވާން ފޯވާޑް މިޗީ ބަޓުޝުއާއީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވުމާއި ގުޅިގެންނެވެ. އޭނާ ޑޯޓްމަންޑާއި ގުޅިފައިވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ބަޓްޝުއާއީ ބުނީ އޭނާ ޗެލްސީ ދޫކޮށްލަން ނިންމީ މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބެލްޖިއަމްގެ ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ އުއްމީދުގައި ކަމަށެވެ. އޭނާ ބުނީ އެކަން ކުރެވެން އޮތީ ގަވާއިދުން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެވޭނެ ޓީމެއްގައި ހުރެގެން ކަމަށާއި މިވަގުތު އެކަމަށް އެންމެ ރަނގަޅު ޓީމަކީ ޑޯޓްމަންޑް ކަމަށެވެ.

ފްރާންސްގެ މޮންޓްޕިލޭ ދޫކޮށް 2012 ވަނަ އަހަރު އާސެނަލްއާ ގުޅުނު ފޯވާޑް ވަނީ އެ ޓީމަށް 253 މެޗު ކުޅެދީ 105 ލަނޑު ޖަހައިދީފައެވެ. އަދި 2017 ވަނަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ގޯލު ޖެހި ޖިރޫ ވަނީ އާސެނަލްއާ އެކު ތިން ފަހަރެއްގެ މަތިން އިނގިރޭސި އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް