ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 14:26
ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޯންމައުތުގެ އަކޭ އުފާ ފާޅުކުރަނީ
ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޯންމައުތުގެ އަކޭ އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ބޯންމައުތު އަތުން ބަލިވެ ޗެލްސީ ހަތަރުވަނައަށް ވެއްޓިއްޖެ
އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުން
ޗެލްސީ ވަނީ ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑު ކަމަށްވާ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި އަލްވާރޯ މޮރާޓޯ އާއި ޑޭވިޑް ލުއިޒް އަދި ވިލިއަން ހިމެނެއެވެ. އެހެން ނަމަވެސް ސެސްކް ފެބްރިގާސް ވަނީ އަނިޔާ އިން އެނބުރި އައިސް ބެންޗުން ކުޅެން ނުކުމެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައެވެ. ވަކިން ހާއްސަކޮށް ޗެލްސީގެ އެޑެން ހަޒާޑް އަދި ޕެޑްރޯ ރޮޑްރިގޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ޗެލްސީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ބޯންމައުތުގެ ކުރިޔަށް ކުޅުނު ކެލަމް ވިލްސަން އަދި ޖޫނިއަރ ސްޓަނިސްލާސް ވަނީ ކައުންޓާގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބޯންމައުތުއިން ވަނީ ދެވަނަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެލަމް ވިލްސަންއެވެ. ޗެލްސީ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ސްޓަނިސްލާސް ވަނީ 64 މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ބޯންމައުތުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބޯންމައުތުގެ ތިންވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ޖަހައިދިނީ ޗެލްސީއަށް މީގެ ކުރިން ކުޅުނު ޑިފެންޑަރު ނޭތަން އަކޭއެވެ. މި ލަނޑުތަކަށް ފަހު ޗެލްސީ އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއްކުރިއިރު އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ސްޓޯކް ސިޓީ އަދި ވޮޓްފޯޑް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ސައުތުހެމްޕްޓަން އަދި ބްރައިޓަން ކުޅުނު މެޗު ވެސް ނިމުނީ މި ނަތީޖާއިން އެއްވަރުވެގެންނެވެ. ހަމައެހެންމެ އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 68 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި 53 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ލިވަޕޫލް އޮތްއިރު 50 ޕޮއިންޓާއެކު ފައިދާ ލަނޑު މަދުވުމުގެ ސަބަބުން ހަތަރު ވަނަ ލިބެނީ ޗެލްސީއަށެވެ. ފަސްވަނައިގައި 48 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ހަވަނައިގައި 42 ޕޮއިންޓާ އެކު އޮތީ އާސެނަލްއެވެ.

- ކޮމެންޓް