ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:56
ކްރިސްޓިއަން އެރިކްސެން - ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ތިންވަނައަށް އެންމެ އަވަސް ލަނޑު ޖެހުމަށް ފަހު
ކްރިސްޓިއަން އެރިކްސެން - ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ތިންވަނައަށް އެންމެ އަވަސް ލަނޑު ޖެހުމަށް ފަހު
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑް އަތުން ޓޮޓެންހަމްއަށް މުހިންމު މޮޅެއް
ޔުނައިޓެޑް އަތުން ޓޮޓެންހަމް މޮޅުވީ 2-0 އިން
މި މެޗުގައި ޔުނައިޓެޑްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމް އިން ވަގުތީ ގޮތުން ބޭނުންކުރަމުން އަންނަ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެ ޓީމާ އަލަށް ގުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. ހަމައެހެންމެ ޓޮޓެންހަމްގެ ފުރަތަމަ އެގާރަ އިން ހަ ބަދަލެއް ފެނިގެންދިޔައިރު ޑެލޭ އަލީ އަދި ހެއުން މިން ސޮންގެ އިތުރުން ކްރިސްޓިއަން އެރިކްސެން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މި މެޗު ފެށިގެން 11 ސިކުންތު ނުވަނީސް ޓޮޓެންހަމްގެ އެރިކްސެން ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދީފައެވެ. މި ލަނޑު ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޖެހި ތިންވަނައަށް އެންމެ އަވަސް ލަނޑަށެވެ. ހަމައެހެންމެ މި ލަނޑަކީ ޔުނައިޓެޑްގެ ކޮޅަށް ތާރީހުގައި ވެސް ވަން އެންމެ އަވަސް ލަނޑުކަން ފާހަގަކޮށްލެވެއެވެ. މި ލަނޑަށް ފަހު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޔުނައިޓެޑްއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވީ މެޗުގެ 28 ވަނަ މިނެޓުގުއި ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. އޭނާ އަތުން ބައިކޮޅަށް މި ލަނޑު ވަދެފައި ވަނީ ކިއެރަން ޓްރިޕިއާ ނެގި ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ. މި ލަނޑަށް ފަހު ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ނެގިއިރު ޔުނައިޓެޑްއަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. 

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމް އިން ފުރަތަމަ ހާފު ނިންމާލިރު ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ޔުނައިޓެޑްގެ ކުރިޔަށް ކުޅުނު ކުޅުންތެރިންނަށް ސަޕްލައި ކުރެވުނު ބޯޅަތައް މަދުވެގެންދިޔަ މަންޒަރު ފެނިގެންދިޔަ އިރު ޓޮޓެންހަމްގެ މިޑްފީލްޑުން ވަނީ ހެރީ ކޭންއަށް ގިނަ ބޯޅަތަކެއް ސަޕްލައި ކޮށްދީފައެވެ. ކޭންއަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފަފައިނުވާއިރު ލުކާކޫއަށް ވެސް ލިބުނު މަދު ފުރުސަތުތައް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.

މި މެޗު ވެގެން ގޮސްފައި ވަނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ބާސެލޯނާ އަތުން ޔުނައިޓެޑް ބަލިވި ފަހުން ވެމްބްލީ ސްޓޭޑިއަމްގައި އެ ޓީމު ބަލިވި ފުރަތަމަ މެޗަށެވެ. މި މެޗުން ބަލިވުމާ އެކު ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ 15 ޕޮއިންޓްއަށް ބޮޑުވެފައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 25 މެޗުން ލިބުނު 53 ޕޮއިންޓާ އެކު ޔުނައިޓެޑް ތާވަލުގެ ދެވަނައިގައި އޮތްއިރު 25 މެޗުން 48 ޕޮއިންޓް އެއްކޮށް ޓޮޓެންހަމް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް