އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ ކުރީގައި އެ ޓީމަށް ލިބިފައިވާ ލީޑު 15 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމާ އަލަށް ގުޅުނު ފްރާންސްގެ ޑިފެންޑަރު އެމެރިކް ލަޕޯޓް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ހަމައެހެންމެ ލިވަޕޫލް ދޫކޮށް ވެސްޓް ބްރޮމްއާ ގުޅުނު ފޯވާޑް ޑެނިއެލް ސްޓަރިޖް ވެސް ވަނީ މި މެޗުގައި ބެންޗުން ކުޅެން ނުކުމެފައެވެ.
ފުރަތަމަ ހާފު ފެށިގެން ސިޓީ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސިޓީ އިން ވެސްޓް ބްރޮމްގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނުއިރު ވެސްޓް ބްރޮމް އިން ވެސް ވަނީ ކައުންޓާ އެޓޭކުގައި ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިޓީ އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ކެވިން ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީއަށް ލީޑު ނަގައިދިނީ ފަނާންޑީނިއޯއެވެ. މި ލަނޑަށް ފަހު ވެސް ސިޓީ އިން ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު ވެސްޓް ބްރޮމްގެ ކީޕަރު ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ވެސްޓް ބްރޮމްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ތަކުރާރުކޮށް ސިޓީއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައި ރަހީމް ސްޓާލިން އެ ޓީމަށް ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދިނުމެވެ. ސިޓީއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ޖަހައިދިން ލަނޑާއެކުއެވެ.
މި މެޗުގައި ސިޓީ އިން ޖެހި ތިން ލަނޑާ އެކު އެ ޓީމުން މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ޖެހި ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. މި އަދަދާ އެއްވަރަށް ޕްރިމިއާ ލީގަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ލަނޑު ޖެހިފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު ބަލިވުމާ އެކު ތާވަލުގެ ކުރީގައި ސިޓީއަށް ލިބިފައިވާ ލީޑު ވަނީ 15 ޕޮއިންޓަށް ފުޅާވެފައެވެ.
ޕްރިމިއާ ލީގުގައި ކުޅުނު 25 މެޗުން ލިބުނު 65 ޕޮއިންޓާ އެކު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބޭއިރު 25 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ވެސްޓް ބްރޮމް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.