ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ވިންގާ ރިޔާދް މަހްރޭޒް އޭނާ މެންޗެސްޓާ ސިޓީއަށް ވިއްކާލަދިނުމަށް ލެސްޓާގެ މެނޭޖްމަންޓުގައި އެދިއްޖެއެވެ.
އުމުރުން 26 އަހަރުގެ ވިންގާ ހޯދުމަށް ސިޓީ އިން މަސައްކަތްކުރަމުން އަންނަނީ އެ ޓީމުގެ އެންމެ ކުރިޔަށް ކުޅޭ ޖަރުމަނުގެ ވިންގާ ލެރޯއި ސާނޭއަށް އަނިޔާވެ ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާންޖެހުމާ ގުޅިގެންނެވެ. ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަހްރޭޒް ގެންދިޔުމަށް ސިޓީ އިން ވަނީ ލެސްޓާ އަށް 50 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައެވެ. އެހެން ނަމަވެސް މި ބިޑު އެ ޓީމުން ބަލައިގަތް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ލެސްޓާ އިން އޭނާ ވިއްކާލުމަށް އެއްބަސް ވާނީ އެއަށް ވުރެ ބޮޑު އަގެއްގައެވެ.
މި ޓްރާންސްފާއާ ގުޅިގެން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލެސްޓާއާ އެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅިގެން އިތުރަށް އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ. އޭނާ ބުނީ ލެސްޓާއާ އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ 31 ވަނަ ދުވަހުގެ ނިޔަލަށް ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު ވަރަށް ގިނަ ކަންކަން ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިވަގުތު އޭނާގެ ޓީމުގައި ފިޓްކޮށް ތިބީ އެންމެ ތިން ފޯވާޑުން ކަމަށާއި އެހެންކަމުން ޓީމުގެ މެނޭޖްމަންޓާ އެކު ހާއްސަ މަޝްވަރާތަކެއް ކުރިޔަށް ގެންދާ ކަމަށެވެ. އޭނާ ބުނީ ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސުކުރަން ޖެހޭ ކަމަށެވެ.
ބޮޑު ޓީމަކަށް ކުޅުމަށް މީގެ ކުރިން ވެސް މަހްރޭޒް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭނާ ހޯދުމަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރޯމާ އިން ތިން ފަހަރެއްގެ މަތިން ބިޑު ކުރިއެވެ. އެހެން ނަމަވެސް އެ ތިން ބިޑަށް ވެސް ފުރަގަސްދީ ލެސްޓާ އިން ވަނީ މަހްރޭޒް އެ ޓީމުގައި މަޑުކުރުވާފައެވެ. ލެސްޓާއާ އެކު 2016 ވަނަ އަހަރު މަހްރޭޒް ސޮއިކުރި ކޮންޓްރެކްޓާ އެކު އޭނާ 2020 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ޖެހެއެވެ.
މަހްރޭޒްއާ ގުޅިގެން އުފެދިފައިވާ އަޑުތަކާ ގުޅިގެން ލެސްޓާގެ ކޯޗު ކްލައުޑިއޯ ޕުއެލް ބުނީ ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް އޭނާ ހޯދުމަށް ޓީމުތަކުން މަސައްކަތްކުރާ ކަމަށާއި މިއީ ގިނަ ފަހަރަށް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނީ މި ވާހަކަތަކާ ގުޅިގެން މަހްރޭޒްގެ ފަރާތުން ބަދަލެއް ފާހަގަނުކުރެވޭ ކަމަށާއި ފަރިތަކުރުންތަކުގައި އޭނާ ރަނގަޅަށް ބައިވެރިވަމުން އަންނަ ކަމަށެވެ.
ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލީ ހަރވް ދޫކޮށް މަހްރޭޒް ލެސްޓާއާ 2014 ވަނަ އަހަރު ގުޅުނީ 400،000 (ހަތަރު ލައްކަ) ޕައުންޑްގެ ފީއަކަށެވެ. ލެސްޓާއާ އެކު 2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި މަހްރޭޒްއަކީ އެއަހަރު ހޮވި ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 165 މެޗު ކުޅެދީ 44 ލަނޑު ޖަހައިދީފައެވެ.