ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 18:08
މެސުޓް އޮޒިލް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
މެސުޓް އޮޒިލް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ގޫގުލް
މެސުޓް އޮޒިލް
އާސެނަލްއާ އެކި ހަދާފައިވާ އެއްބަސްވުން އޮޒިލް އާކުރަނީ!
އޭނާ ސޮއިކުރާނީ ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި
އޮޒިލް ސޮއިކުރާ އާ ކޮންޓްރެކްޓާ އެކު އޭނާއަށް ހަފްތާއަކު 350،000 ޕައުންޑްގެ މުސާރައެއް ލިބިގެންދާނެ

އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުން ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އާކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.  

އާސެނަލްއާ އެކު އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ޖޫން މަހުގެ ކުރިން އޭނާ އާ އެއްބަސްވުމެއްގައި ސޮއިނުކޮށްފި ނަމަ އެހެން ޓީމަކަށް އެއްވެސް ފީއަކާއި ނުލައި ބަދަލުވުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާނެއެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ވަރަށް އަވަހަށް އާސެނަލްއާ އެކު އާ ކޮންޓްރެކްޓެއްގައި އޮޒިލް ސޮއިކުރާނެއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އާސެނަލްއާ އެކު ސޮއިކުރާނީ ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ނިޔަލަށް އޭނާ އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެއެވެ. ހަމައެހެންމެ އޮޒިލް ސޮއިކުރާ އާ ކޮންޓްރެކްޓާ އެކު އޭނާއަށް ހަފްތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑްފެ މުސާރައެއް ލިބިގެންދާނެއެވެ. މި ކޮންޓްރެކްޓާ އެކު އޭނާ ވެގެންދާނީ އާސެނަލްގެ ތާރީހުގައި ވެސް އެ ޓީމަށް ކުޅުނު އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާ ބޭނުން ވަނީ އޮޒިލް އެ ޓީމުގައި މަޑުކުރުވަން ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށެވެ. އޭނާ ބުނީ އޮޒިލް ވެސް އެފަދަ ސިގްނަލެއް ދީފައިވާ ކަމަށާއި އާސެނަލްގައި މަޑުކުރުމަށް އޮޒިލް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ބާކީ އޮތީ ކޮންޓްރެކްޓްގެ މަޝްވާރަތައް ކުރިޔަށް ގެންދިޔުން ކަމަށެވެ.

މި ޖެނުއަރީ މަހުގެ ކުރީކޮޅު އާސެނަލް ދޫކޮށް އޮޒިލް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނުއެވެ. އެހެން ނަމަވެސް ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވުމާ ގުޅިގެން އޮޒިލް ވަނީ އާސެނަލްގައި މަޑުކުރަން ނިންމާފައެވެ.

އޮޒިލް އާސެނަލްގައި މަޑުކުރަން ނިންމި އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އެ ޓީމަށް އަލަށް ގެނައި ކުޅުންތެރިންނެވެ. އެގޮތުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން ވަނީ އާސެނަލްއަށް ގެނެސްފައެވެ.

ޖަރުމަނުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އޮޒިލް އާސެނަލްއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އާސެނަލްއަށް ކުޅުނު 179 މެޗުގައި އޮޒިލް ވަނީ އެ ޓީމަށް 36 މެޗު ކުޅެދީފައެވެ. އޮޒިލް ވަނީ އާސެނަލްއާއެކު ތިން ފަހަރެއްގެ މަތިން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް