ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމެޔަންގ އާސެނަލްއަށް ސޮއިކޮށްފިއެވެ.
އާސެނަލްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ އޭނާ ސޮއިކުރިކަން ކަށަވަރުކޮށްދީފައެވެ. އޭނާ އާސެނަލްއަށް ސޮއިކޮށްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ޓީމުން ހާމަކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ އާސެނަލް އާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ނިޔަލަށް އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދެމިހުންނާނެއެވެ. ހަމައެހެންމެ އޭނާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 180000 (އެއް ލައްކަ އައްޑިހަ ހާސް) ޕައުންޑް ލިބޭނެއެވެ.
އާސެނަލްއަށް އޭނާ ސޮއިކޮށްފައިވަނީ 55.4 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މި ޓްރާންސްފާއާއެކު އޭނާ ވެގެން ގޮސްފައިވަނީ އާސެނަލްގެ ތާރީހުގައި ވެސް އެ ޓީމަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެކުރިން އާސެނަލްއިން ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ފްރާންސްގެ ލިޔޯން ދޫކޮށް އެ ޓީމާއި ގުޅުނު އެލެކްޒެންޑާ ލަކަޒެޓް އަތުގައެވެ.
އުމުރުން 28 އަހަރުގެ ގެބޯންގެ ބައިނަލްއަގްވާމީ ފޯވާޑް ހޯދުމަށް މީގެކުރިން އާސެނަލްއިން ދެ ފަހަރެއްގެ މަތިން ބިޑު ކުރިއެވެ. އެހެން ނަމަވެސް އެ ދެ ފަހަރު ވެސް އެ ދެ ބިޑަށް ފުރަގަސްދީ ޑޯޓްމަންޑުން ވަނީ އޭނާ އެ ޓީމުގައި މަޑުކުރުވާފައެވެ. ހަމައެހެންމެ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ވޮލްފްސްބާގްއާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގައި އެ ޓީމުގެ ސްކޮޑަށް ވެސް އޮބަމަޔަންގ ނަގާފައިނުވެއެވެ. އެ މެޗުގެ ސްކޮޑަށް އޭނާ ނަގާފައި ނުވަނީ ޓީމު ބައްދަލުވުމަކަށް ގަސްތުގައި ހާޒިރު ނުވުމާއި ގުޅިގެންނެވެ. މި މެޗުގެ ސްކޮޑުން އޭނާ ބާކީކުރި ނަމަވެސް އާދިއްތަ ދުވަހު ފްރެއިބާގްއާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ 90 މިނެޓު އޭނާ ފުރިހަމަކޮށްފައިވެއެވެ.
އާސެނަލްއަށް އޮބަމަޔަންގ ވިއްކާލުމަށް ޑޯޓްމަންޑްއިން އެއްބަސްވީ ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް މިޗީ ބަޓްޝުއާއީ އެ ޓީމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ގެނައުމަށް ފަހުއެވެ. އޭނާ ޑޯޓްމަންޑަށް ސޮއިކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ހަމައެހެންމެ މި ޓްރާންސްފާތަކާއި ގުޅިގެން ޗެލްސީއިން އާސެނަލްއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއާ ޖިރޫ އެ ޓީމަށް ގެންދާނެ ކަމަށް ބެލެވެއެވެ.
ގެބޯންގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އޮބަމަޔަންގ އަކީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވެސްމެއެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 23 މެޗުގައި އެ ޓީމަށް 21 ލަނޑު ޖަހައިދީފައެވެ.
އޭސީ މިލާންގެ އެކަޑަމީއިން ތަމްރީނުވި އޮބަމަޔަންގ ވަނީ އެ ޓީމުގެ އިތުރުން ފްރާންސްގެ މޮނާކޯ އާއި ޑީޖޮން އަދި ލިލޭގެ އިތުރުން ސެއިންޓް އެޓިއެންއަށް ކުޅެފައެވެ. 2013 ވަނަ އަހަރު ޑޯޓްމަންޑާއި ގުޅުނު ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅުނު 213 މެޗުގައި 141 ލަނޑު ޖަހައިދީފައެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ އޮބަމަޔަންގއަކީ މިދިޔަ ސީޒަނުގައި ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.