ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 14:40
ޓީސީގެ ކުޅުންތެރިން ވްލަޝިޗޭވް (މ) އާއެކު އުފާ ފާޅުކުރަނީ
ޓީސީގެ ކުޅުންތެރިން ވްލަޝިޗޭވް (މ) އާއެކު އުފާ ފާޅުކުރަނީ
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް 2018
ވްލަޝިޗޭވްގެ ހެޓްރިކާއެެކު ޓީސީ ޕްލޭއޮފްއަށް
މި މެޗުނަް ޓީސީ މޮޅުވީ 3-1 އިން
ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު ޓީސީއިން ކާމިޔާބުކުރީ 1-0 އިން
މި މެޗު ބެލުމަށް ގަލޮޅު ދަނޑަށް ގިނައިން ވަދެފައިވަނީ ބަންގްލަދޭޝް ރައްޔިތުން

އަންޓޮލީ ވްލްޝިޗޭވްގެ ހެޓްރިކާއެކު އަމިއްލަ ގައުމުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބްއިން އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ޓީސީ ކުޅުނު ދެވަނަ ލެގުގެ މި މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ވެސް 1-0 އިން ކާމިޔާބުކުރީ ޓީސީއެވެ. އެހެންކަމުން އެ ޓީމަށް އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެއް ލިބެނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކާއެކުއެވެ. މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންއިރު އޭގެތެރޭގައި ގިނައީ ސައިފް ސްޕޯޓިންއަށް ސަޕޯޓު ކުރުމަށް ދަނޑަށް ވަން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ފުރަތަމަ ހާފު ފެށިގެން ޓީސީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސައިފްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ސައިފްގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ގޯލު މެޗުގެ 22 ވަނަ މިނެޓުގައި ޓީސީއަށް ހުޅުވައިދިނީ ފުރަތަމަ ލެގުގައި ވެސް އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކިރްގިސްތާނުގެ މިޑްފީލްޑަރު އަންޓޮލީ ވްލްޝިޗޭވްއެވެ. މި ލަނޑަށް ފަހު ސައިފްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެެގެންދިޔައީ  މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ކިންގްސްލީ ޗިގޯޒީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. 

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ސައިފްގެ ކޯޗު އެ ޓީމަށް ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުގެ އެންމެ ކުރިޔަށް ކުޅޭ ޗާލީ ޝެރިންގްހަމްއަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ޓީސީގެ ބެންޗުން މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ގެނައި ބަދަލުތަކާއެކު އެ ޓީމުން އަލުން އަނބުރާ މެޗުގެ ކޮންޓްރޯލް ނެގިއެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް އަހުމަދު އާރިފް (އާރީ) އަށް ސައިފްގެ އޭރިއާ ތެރެއިން ފައުލްކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ވްލަޝިޗޭވް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނެވެ. މި މެޗުން ތިން ޕޮއިންޓް ޓީސީއަށް ކަށަވަރު ވެގެންދިޔައީ މެޗުގެ 88 ވަނަ މިނެޓުގައި ވްލަޝިޗޭވް ޖަހައިދިން ލަނޑާއެކުއެވެ.

މި މެޗުން މޮޅުވުމާއެކު ޓީސީއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައިވާއިރު އެ ޓީމު ޕްލޭއޮފްގައި ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އެ ޓީމު ޕްލޭއޮފްގެ ޖާގައެއް ކަށަވަރު ކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް ބަލިކޮށްގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ ލެގު މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ކުޅޭއިރު ދެވަނަ ލެގު އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް