މެންޗެސްޓާ ސިޓީ އިން ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު އެމެރިކް ލަޕޯޓް އެ ޓީމަށް ގެނެސްފިއެވެ.
އުމުރުން 23 އަހަރުގެ ޑިފެންޑަރު ސިޓީއަށް ގެނެސްފައި ވަނީ 57 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ވެގެން ގޮސްފައި ވަނީ މި ސީޒަނުގައި ސިޓީގެ ސްކޮޑު ވަރުގަދަކުރުމަށް އެ ޓީމަށް ގެނައި ހަވަނަ ކުޅުންތެރިޔާއަށެވެ. ސިޓީއާ އެކު އޭނާ ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދެމިހުންނާނެއެވެ. ޔޫރަޕްގެ އެންމެ އުއްމީދީ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ލަޕޯޓް ސިޓީގައި ބޭނުންކުރާނީ 14 ނަމްބަރު ޖާޒީއެވެ.
ސިޓީއަށް ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ލަޕޯޓް ބުނީ ސިޓީއަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި އެ ޓީމަކީ ވަރަށް ގިނަ އުއްމީދުތަކާ އެކު ކުރިޔަށް ދިޔުމަށް މަސައްކަތްކުރަމުން އަންނަ ޓީމެއް ކަމަށެވެ. އޭނާ ބުނީ ސިޓީއަށް ބަދަލުވީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ހޯދަން ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އޭނާ ބުނީ ސިޓީގެ ސަޕޯޓަރުން އެދޭ ފަދަ ކުޅުމެއް ދެއްކުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ސިޓީގެ ޑިރެކްޓަރ އޮފް ފުޓްބޯޅް ޓިކްސްކީ ބެގްރިސްޓައިން ބުނީ ލަޕޯޓްގެ ސޮއި ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އޭނާ ހޯދުމަށް އެ ޓީމުން މަސައްކަތްކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އޭނާ ބުނީ އޭނާއަކީ ސިޓީއަށް ބޭނުންވާ ފެންވަރުގެ ޑިފެންޑަރެއް ކަމަށާއި ގާޑިއޯލާ ސިޓީގެ ކުޅުން ބިނާކޮށްފައިވާ ގޮތާ އެއް ގޮތަށް އޭނާ ކުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ސީޒަނުގައި ސިޓީގެ ފަހަތުގައި ގަވާއިދުން ކުޅެމުން އަންނަނީ ޖޯން ސްޓޯންސް އަދި ނިކޮލަސް އޮޓަމެންޑީއެވެ. ލަޕޯޓްގެ ސޮއި ހޯދުމަށް ގާޑިއޯލާ މަސައްކަތް ފެށީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަދި ޑިފެންޑަރު އެލިކުއިމް މަންގާލާއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭތީއެވެ. އެހެން ނަމަވެސް ގާޑިއޯލާ ބުނީ މިއިން އެއްވެސް ކުޅުންތެރިޔަކު ވިއްކާލުމުގެ ހިޔާލެއް ނެތް ކަމަށެވެ.
ލަޕޯޓް ވެގެންގޮސްފައި ވަނީ ދުނިޔޭގެ ތާރީހުގައި ވެސް ދެވަނައަށް އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. އެ ރެކޯޑު މިހާރު އޮންނަނީ މި ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސައުތުހެމްޕްޓަން ދޫކޮށް 75 މިލިއަން ޕައުންޑްގެ ފީއަކަށް ބަދަލުވި ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އަތުގައެވެ.
އެތުލެޓިކް ބިލްބާއޯގެ ޒުވާން ޓީމުން ކެރިއަރު ފެށީ ލަޕޯޓް އެ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2012 ވަނަ އަހަރުއެވެ. މިހާތަނަށް އެ ޓީމަށް ކުޅުނު 161 މެޗުގައި އޭނާ ވަނީ އެ ޓީމަށް ހަތް ލަނޑު ޖަހައިދީފައެވެ. އެތުލެޓިކް ބިލްބާއޯއާ އެކު ސްޕެނިޝް ސުޕާ ކަޕް 2015 ވަނަ އަހަރު ކާމިޔާބުކުރި ލަޕޯޓް ވަނީ ފްރާންސްގެ ޒުވާން ޓީމުތަކަށް ވެސް ކުޅެފައެވެ.