ލިވަޕޫލަށް ކުޅެމުން އައި އިނގިރޭސިވިލާތުގެ ފޯވާޑު ޑެނިއެލް ސްޓަރިޖް އެ ކްލަބް ދޫކޮށް ވެސްޓް ބްރޮމްއަށް ބަދަލުވެއްޖެއެވެ.
އޭނާ އެ ޓީމަށް ބަދަލުވެފައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އޭނާ ލިވަޕޫލް ދޫކޮށް އެހެން ޓީމަކަށް ބަދަލުވާން މަޖުބޫރުވީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުމާއި ގުޅިގެންނެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ލިވަޕޫލްއަށް ކުޅެފައިވަނީ އެންމެ 14 މެޗެވެ. އޭގެ ތެރެއިން އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ ފަސް މެޗެވެ.
ހަމައެހެންމެ ލިވަޕޫލްގެ އެންމެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހު އަދި ސަދިއޯ މާނޭގެ އިތުރުން ރޮބާޓޯ ފިރްމީނޯ މި ސީޒަނުގައި ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މި ސީޒަނުގެ ބާކީބައިގައި ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ލިބޭނެ ކަމަށް ނުބެލެވެއެވެ.
ވެސްޓް ބްރޮމްގައި އޭނާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ 15 ނަމްބަރު ޖާޒީއެވެ. އެ ޓީމާ ގުޅުމަށް ފަހު ވާހަކަ ދައްކަމުން ސްޓަރިޖް ބުނީ އެ ޓީމުގެ އަމާޒުތައް ކޯޗު ކިޔައިދީފައިވާ ކަމަށާއި އެ ޓީމުގެ ކުޅުމާއި އެނާގެ ކުޅުމުގެ ވައްޓާފާޅިއާ ވަރަށް ބޮޑަށް އެއްގޮތްކަން އެބަހުރި ކަމަށެވެ. އޭނާ ބުނީ ވެސްޓް ބްރޮމްއަށް ބަދަލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުން ކަމަށާއި އެ ޓީމު މެޗުތަކުން މޮޅު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ސްޓަރިޖާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެސްޓް ބްރޮމްގެ ކޯޗު އެލަން ޕާޑިއު ބުނީ މި ސީޒަނުގައި މަސައްކަތްކުރަމުން އަންނަނީ ޕްރިމިއާ ލީގު ޓީމެއްގެ ގޮތުގައި ދެމިއޮންނަން ކަމަށާއި އެކަން ހާސިލުވާން އޮތީ ޓްރާންސްފާ މާކެޓުގައި ވެސް ވަރުގަދަ ކުޅުންތެރިން ގެނެސްގެން ކަމަށެވެ. އޭނާ ބުނީ ސްޓަރިޖަކީ އެ އަމާޒަށް ވާސިލުވުމަށް އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ސްޓަރިޖްގެ ސޮއި ލިބުމަކީ އެ ޓީމަށް މި ސީޒަނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބުތަކުގެ ތެރެއިން ގުނާލެވޭނެ ކާމިޔާބެއް ކަމަށެވެ.
މި ސީޒަނުގައި ވެސްޓް ބްރޮމްގެ ޖާޒީގައި އޭނާއަށް އެފްއޭ ކަޕް ވެސް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ މި ސީޒަނުގެ ކުރީކޮޅު ލިވަޕޫލްގެ ޖާޒީގައި އޭނާ އެ މުބާރާތުގައި ކުޅެފައި ނުވާތީއެވެ. އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ވެސްޓް ބްރޮމް ނުކުންނަން ޖެހޭނީ ސައުތުހެމްޕްޓަންއާ ދެކޮޅަށެވެ. ސްޓަރިޖް ވެސްޓް ބްރޮމްއަށް ސޮއިކޮށްފައި ވަނީ އޭނާ ހޯދުމަށް ޕްރިމިއާ ލީގުގެ ނިއުކާސަލް އަދި އިޓާލިއަން ސެރީއޭގެ އިންޓަ މިލާން އިން މަސައްކަތްކުރަމުން އަންނަނިކޮށެވެ.
މެންޗެސްޓާ ސިޓީ އިން ކެރިއަރު ފެށި ސްޓަރިޖް ވަނީ އޭނާގެ ކެރިއަރުގައި ޗެލްސީ އަދި ބޯލްޓަން ވޮންޑަރާރސްއަށް ވެސް ކުޅެފައެވެ. ސްޓަރިޖްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ވޭތުކޮށްފައި ވަނީ ޗެލްސީގައެވެ. އޭނާ ވަނީ އެ ޓީމާ އެކު ޔުއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލިގެއްގެ އިތުރުން އެފްއޭ ކަޕެއް ކާމިޔާބުކޮށްފައެވެ. އަދި 2013 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވުމަށް ފަހު އޭނާ ވަނީ އެ ޓީމަށް 133 މެޗު ކުޅެ 63 ލަނޑު ޖަހައިދީފައެވެ.