ދުނިޔޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އަމިއްލަ ޓީމެއް ނެރުމަށް މޭޖަރ ލީގް ސޮކަރއިން ހުއްދަ ދީފިއެވެ.
ބެކަމް އެންމެ ފަހުން ކުޅުނު ލީގުކަމަށްވާ އެމެރިކާގެ މޭޖަރ ލީގް ސޮކަރއަށް ބެކަމް ޓީމެއް ނެރެނީ އެމެރިކާގެ މަޔާމީއިންނެވެ.
މޭޖަރ ލީގް ސޮކަރގެ ލީގް ކޮމިޝަނަރ ޑޮން ގާބަރ ވަނީ ލީގުގެ 24 ވަނަ ޓީމުގެ ގޮތުގައި މަޔާމީ ޓީމު ރަޖިސްޓަރކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ލީގަށް އަމިއްލަ ޓީމެއް ނެރެން ބެކަމް މަސައްކަތްކުރާތާ އެތައް ދުވަހެއްވަނީ ވެފައެވެ. ހޯމަ ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބެކަމް ބުނީ އޭނާ ޓީމެއް ނެރެން ކުރި މަސައްކަތް ކާމިޔާބު ނުވެދާނެކަމަށް ހީވި ބައެއް ފަހަރުތައްވެސް ދިޔަކަމަށެވެ.
ޓީމެއް ނެރެން ބެކަމް ކުރާ މަސައްކަތުގައި މާލީ ގޮތުން އޭނާއަށް އެހީވަނީ ބެކަމްގެ މެނޭޖަރ ސައިމަން ފުލަރ، އެމެރިކާގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނި ސްޕްރިންޓްގެ ސީއީއޯ މާސެލޯ ކްލޯރީ، އަދި ޖަޕާނުގެ ސޮފްޓް ބޭންކްގެ ވެރިޔާ މަސަޔޯޝީ ސަންގެ އިތުރުން މަސްޓެކް ގްރޫޕްގެ ވެރިންކަމަށްވާ ހޯހޭ އަދި ހޯސޭ މާސްއެވެ.
އިނގިރޭސި ލީގުގައި ކުޅުމަށްފަހު ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅުމަށްފަހު ބެކަމް އެމެރިކާގެ ލީގުގެ އެލްއޭ ގެލެކްސީއަށް ބަދަލުވީ 2007 ވަނަ އަހަރުއެވެ. ބެކަމް ވެގެން ގޮސްފައިވަނީ މޭޖަރ ލީގުގައި ކުޅުމަށްފަހު ލީގުގެ ކްލަބެއް ހަދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ބެކަމް ބުނީ އޭނާ އެލްއޭ ގެލެކްސީ އާއި ގުޅުނީ ދުރަށް ވިސްނުމަށްފަހުކަމަށާއި، މޭޖަރ ލީގުގައި މުސްތަޤްބަލު އޮތްކަން އޭނާއަށް އެނގޭކަމަށެވެ.
މޭޖަރ ލީގުގައި މިހާރު 23 ޓީމު އެބައޮތެވެ. އޭގެ ތެރޭގައި މިއަހަރު އަލަށް ކުޅެން ފަށާ ލޮސްއެންޖަލިސްއަށް ނިސްބަތްވާ ދެވަނަ ޓީމު ލޮސް އެންޖަލިސް އެފްސީ ހިމެނެއެވެ.
މަޔާމީގައި ފުޓުބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ބެކަމްވަނީ 2013 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކު ފްރާންސްގެ ޕީއެސްޖީއަށްވެސް ކުޅެފައެވެ. އަދި އެހާ ހިސާބުން ފުޓުބޯޅަ ކުޅުމުން ރިޓަޔަރ ކުރިއެވެ. ބެކަމް މިހާރު ޓީމެއް އެކުލަވާލާ މަޔާމީ ސިޓީގައި 2001 ވަނަ އަހަރަށްވުރެ ބޮޑު ލީގެއްގައި ވާދަކުރާ ފުޓުބޯޅަ ޓީމެއް ނެތެވެ.
މަޔާމީގައި ބެކަމް އެކުލަވާލާ ޓީމުގެ ހޯމް ސްޓޭޑިއަމް އެޅުމަށް 2015 ވަނަ އަހަރު ވަނީ ބިންވެސް ގަނެފައެވެ. މި ސްޓޭޑިއަމްއަކީ 25000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާނެކަމަސް ބެކަމް ބުނެއެވެ.