ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގައި މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓްތައް ކަމަށްވާ، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓްތައް ހުޅުވަން ނިންމައިފިއެވެ.
މި ހަތަރު ފްރެންޗައިޒް ރެސްޓޯރެންޓްތައް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުންޏާ އެކު ވަނީ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑަރެކްޓަރ އާދިލް މޫސާއެވެ. އަދި އެޗްއެމްއެސް ހޮސްޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު ވޮލްޓާ ސިއެބްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގެ ހިދުމަތް ކުރިއަށް އޮތް ތިން މަސް ތެރޭގައި އާންމުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެއަރޕޯޓަށް އިތުރު މަޝްހޫރު ބްރޭންޑްތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުނިން މިހާރު ވެސް 150 ގައުމެއްގެ އެއަރޕޯޓްގައި ހިދުމަތް ފޯރުކޮށްދެމުންދެއެވެ.
އެޗްއެމްއެސް ހޮސްޓްގެ ސީއީއޯ ވޮލްޓާ ވިދާޅުވީ މި ރެސްޓޯރެންޓްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އިންޓަނޭޝަން ބްރޭންޑްތައް ރާއްޖެއަށް ގެނައުމުގެ މަގު ފަހިވެގެންދިޔުމުން އުފާކުރައްވާ ކަމަށެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 3.2 ބިލިއަން ޔޫރޯގެ އާމްދަނީ ލިބިފައެވެ.
އެމްއޭސީއެލް އިން އިޓަލީގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
.