ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 14:57
ނަޕޯލީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ނަޕޯލީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: އެއްވަނަ މަގާމަށް ނަޕޯލީ ޖެހިލައިފި
ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ މޮޅުވީ 3-1 ގެ ނަތީޖާއަކުން

އިޓާލިއަން ސެރީއޭގައި ކުޅުނު މެޗު ކާމިޔާބުކޮށް ނަޕޯލީއިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ނަޕޯލީއިން ކުރިމަތިލީ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެންނެވެ. އެ ޓީމު ދެވަނަ މަގާމަށް ވެއްޓުނީ ޔުވެންޓަސްއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލުމާއި ގުޅިގެންނެވެ. މި މެޗުގައި ނަޕޯލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ނަޕޯލީގެ ސަޕޯޓަރުންގެ އަޑު ކެނޑިގެންދިޔައީ ރޮޑްރިގޯ ޕަލާސިއޯ ބޮލޯނާއަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދިނުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ނަޕޯލީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަވެގެންދިޔައީ ބޮލޯނާގެ އިބްރާހިމް އެމްބާޔޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. ނަޕޯލީއަށް މެޗުގެ ލީޑު ލިބިގެންދިޔައީ މެޗުގެ 37 ވަނަ މިނެޓުގައި ޑްރައިސް މާޓެންސް ޖަހައިދިން ލަނޑާއެކުއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނަޕޯލީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ދެވަނަ ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 59 ވަނަ މިނެޓުގައި ލޮރެންޒޯ އިންސިންޔޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ވެސް މާޓެންސްއެވެ.

ސެރީއޭގައި އަމިއްލަ ދަނޑުގައި ސަމްޕްދޯރިއާ އަތުން ބަލިވެ ތާވަލުގެ ކުރިޔަށް ޖެހުމަށް ރޯމާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ. މި މެޗުން ރޯމާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޯމާގޭ އަލެސަންދްރޯ ފްލޮރެންޒީ ޕެނަލްޓީއެއް ބޭކާރުކޮށްލިއިރު ސަމްޕްދޯރިއާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޫވަން ޒަޕާޓާއެވެ.

ރަށުން ބޭރުގައި ސްޕަލްއާ އެއްވަރުވެ އިންޓަ މިލާން ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. މި މެޗުގައި ސްޕަލްއިން ޖެހި ލަނޑު އަލްބާޓޯ ޕަލޯޝީ ޖަހައިދިންއިރު އިންޓަގެ ލަނޑަކީ ސްޕަލްގެ ފްރެންސެސްކޯ ވިކާރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭސީ މިލާން ވެސް ވަނީ 2-1 އިން ލާޒިއޯ ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހުމަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި މިލާންއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޕެޓްރިކް ކަޓްރޯން އާއި ޖިއަކޯމޯ ބޮނަވެންޓޫރާއެވެ. މި މެޗުގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑަމް މަރުސިޗްއެވެ.

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 22 މެޗުން 55 ޕޮއިންޓް ހޯދައިގެން އޮތީ ނަޕޯލީއެވެ. އެ ޓީމުގެ ފަހަތުން 56 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި 46 ޕޮއިންޓާއެކު އޮތީ ލާޒިއޯއެވެ. ހަތަރު ވަނަ މަގާމުގައި އޮތް އިންޓަ މިލާންއަށް ލިބިފައިވަނީ 44 ޕޮއިންޓްއެވެ.  

- ކޮމެންޓް