ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 12:08
މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިން ކުޅުންތެރިން
މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިން ކުޅުންތެރިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފްރެންޗް ލީގު: ކަވާނީގެ ރެކޯޑު ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް
މޮންޓްޕިލޭއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ކަވާނީ ވަނީ މުގުރާލާފައި

ފްރެންޗް ލީގުގައި މޮންޓްޕިލޭ އަތުން ޕީއެސްޖީ މޮޅުވި މެޗުގައި އެޑިންސަން ކަވާނީ ރެކޯޑެއް މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި މޮންޓްޕިލޭއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައެވެ. އެގޮތުން ލިޔޯން އަތުން މިދިޔަ ހަފްތާގައި އެ ޓީމު ބަލިވި މެޗުގައި ނުކުޅޭ ހަތަރު ކުޅުންތެރިން ކަމަށްވާ ޖޫލިއަން ޑްރެކްސްލާ އާއި ޕްރެސެނެލް ކިމްޕެމްބޭ އަދި ތޯމަސް މިއުނިއާގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ނޭމާ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

މި މެޗު ފެށިގެން ޕީއެސްޖީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީއެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައި ވަނީ 157 ލަނޑާއެކު ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ނޭމާއެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކުޅުނު 16 ވަނަ މެޗުގައި ޖެހި 16 ވަނަ ލަނޑެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމަރިއާއެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކަވާނީ ތަނަވަސްކޮށްދިން ފުރުސަތަކުން 82 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ނޭމާއެވެ.

މި މެޗުގައި ރެކޯޑު ހެދި ކަވާނީ ބުނީ މިއީ ވަރަށް ހާއްސަ ރެކޯޑެއް ކަމަށާއި ޕީއެސްޖީއަށް ކުޅުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި މެޗު ނިމުމާއެކު ޕީއެސްޖީގެ ރައީސް ނަސިރު އެލް ހެލާފީ ވަނީ ކަވާނީއަށް ޝަރަފުގެ ފިލައެއް އަރުވާފައެވެ.

ފްރެންޗް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޑީޖޮން ވަނީ 2-1 އިން އަމިއްލަ ދަނޑުގައި ރެނޭސް ބަލިކޮށްފައެވެ. މި މެޗުގައި ޑީޖޮންއިން ޖެހި ލަނޑުތައް ފްލޯރެންޓް ބަލްމޮންޓް އާއި ހޫލިއޯ ޓަވާރޭސް ޖަހައިދިން އިރު ރެނޭސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއިލް ސާރއެވެ. އެންގާސް ވެސް ވަނީ 1-0 އިން އެމިއެންސް ބަލިކޮށްފައެވެ. ހަމައެހެންމެ ނަންޓޭސް ވަނީ 3-0 އިން ރަށުން ބޭރުގައި ގެއިންގެމްޕް ބަލިކޮށްފައެވެ. މި ޓީމުތަކުގެ އިތުރުން މެޓްޒް އާއި ސެއިންޓް އެޓިއެންގެ އިތުރުން ޓުލޫސް ވެސް ވަނީ އެ ޓީމުތައް ކުޅުނު މެޗުތަށް ކާމިޔާބުކޮށްފައެވެ.

ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 59 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު ދެވަނައިގައި 48 ޕޮއިންޓާއެކު އޮތީ ލިޔޯންއެވެ. ހަމައެހެންމެ 47 ޕޮއިންޓާއެކު ތިންވަނައިގައި މާސޭ އޮތްއިރު 46 ޕޮއިންޓާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ މޮނާކޯ އޮތީ ހަތަރު ވަނައިގައެވެ.

- ކޮމެންޓް