ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 11:24
ލިވަޕޫލް އަދި ވެސްޓް ބްރޮމް ކުޅުނު މެޗުގެ ތެރެއިން
ލިވަޕޫލް އަދި ވެސްޓް ބްރޮމް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް: ޖެހިޖެހިގެން ތިންވަނަ ސީޒަނުގައި ލިވަޕޫލް ހަތަރުވަނަ ބުރުން ކަޓައިފި
ލިވަޕޫލް ކެޓީ 3-2 އިން ވެސްޓް ބްރޮމް އަތުން ބަލިވެގެން
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައި
ލެސްޓާ ސިޓީ އަދި ސައުތުހެމްޕްޓަން ވަނީ ފަސްވަނަ ބުރަށް ދަތުރުކޮށްފައި

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖެހިޖެހިގެން ތިންވަނަ ސީޒަނުން ލިވަޕޫލް ކަޓައިފިއެވެ.

މި ސީޒަނުގެ އެފްއޭ ކަޕްއިން އެ ޓީމު ކެޓީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް އަތުން ބަލިވެގެންނެވެ. މި މެޗުގައި ލިވަޕޫލްއިން ވަރުގަދަ ފުރަތަމަ އެގާރައެއް ނެރުނުއިރު އެ ޓީމު އެންމެފަހުން ސްވަންސީ އަތުން ބަލިވި މެޗުގައި ނެރުނު ޓީމަށް ތިން ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން އެ ޓީމުގެ ގޯލު މެޗުގައި ސިމޮން މިނޮލެޓް ބެލެހެއްޓިއިރު އަލްބާޓޯ މޮރޭނޯ އަދި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލްއިންނެވެ. މެޗު ފެށިގެން ފަސް މިނެޓު ނުވަނީސް އެ ޓީމަށް ލީޑު ނަގައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ވެސްޓް ބްރޮމްގެ ޖޭ ރޮޑްރިގޭޒް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ރޮޑްރިގޭޒް ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ވެސްޓް ބްރޮމްއަށް ލީޑު ނަގައިދީފައެވެ.

މި ލަނޑުތަކަށް ފަހު ވެސް ދެ ޓީމަށް ވަނީ އިތުރު ލަނޑު ޖެހުމަށް ފުރުސަތު ލިބިފައެވެ. އެގޮތުން 19 ވަނަ މިނެޓުގައި މައިކަލް ޑޯސަން ވެސްޓް ބްރޮމްއަށް ލަނޑެއް ޖަހައިދިން ނަމަވެސް ވީޑިއޯ ރެފްރީ ނިންމާފައިވަނީ އެ ލަނޑު ޖެހުމުގެ ކުރިން އޭނާ ފައުލް ކޮށްފައިވާ ކަމަށެވެ. ލިވަޕޫލްއަށް 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ފިރްމީނޯ ބޭކާރުކޮށްލިއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖޮއެލް  މަޓިޕް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ވެސްޓް ބްރޮމް ފުރަތަމަ ހާފު ނިންމާލީ 3-1 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލްއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރިއިރު އެ ޓީމަށް ކުރި ހޯދިފައެއް ނުވެއެވެ. އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 78 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ޖަހައިދިން ލަނޑުންނެވެ. މި މެޗުން ބަލިވުމާއެކު ލިވަޕޫލްއަށް މި ސީޒަނުގައި ތައްޓެއް ލިބުމުގެ ފުރުސަތު ވަނީ އެއްކޮށް ބަންދުވެފައެވެ.

ޓޮޓެންހަމްއާ ނިއުޕޯޓް ކައުންޓީ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ޓޮޓެންހަމް ވަނީ ދެވަނަ ލެގަކަށް އިންތިޒާރުކުރަން ޖެހިފައެވެ. ނިއުޕޯޓް ކައުންޓީގެ ލަނޑު ޕެޑްރައިގް އާމޮންޑް ޖަހައިދިން އިރު ޓޮޓެންހަމްގެ ލަނޑު ޖަހައިދިނީ ހެރީ ކޭންއެވެ. ސައުތުހެމްޕްޓަން ވަނީ 1-0 އިން ވޮޓްފޯޑް ބަލިކޮށް ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. އެ ޓީމުގެ ލަނޑު ޖަހައިދިނީ ޖެކް ސްޓެފަންސްއެވެ.

ހަމައެހެންމެ ވިގަން އެތްލެޓިކް ވަނީ 2-0 އިން ވެސްޓް ހަމް ބަލިކޮށް ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ވިލް ގްރިގްއެވެ. ރަށުން ބޭރުގައި 5-1 ޕީޓަރބްރޯ ޔުނައިޓެޑް ބަލިކޮށް ލެސްޓާ ސިޓީ ވެސް ވަނީ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ކެލެޗީ އިހެނާޗޯ އާއި ފޮސޭނީ ޑިއާބާޓޭ އަދި އޮނިންޔޭ އެންޑީޑީ ޖަހައިދިންއިރު ޕީޓަރބްރޯ ޔުނައިޓެޑްގެ ލަނޑު އެ ޓީމަށް ޖަހަދިނީ އެންޑްރޫ ހިއުސްއެވެ.

މި ޓީމުތަކުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް