ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 17:03
ނޭމާ ޕީއެސްޖީގެ ޖާޒީގައި
ނޭމާ ޕީއެސްޖީގެ ޖާޒީގައި
ގެޓީ އިމޭޖަސް
ނޭމާ - ރެއާލް
ނޭމާ ރެއާލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް: ރޮބީނިއޯ
އޭނާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ
އޭނާ ވަނީ މީގެ ކުރިން ރެއާލްގެ ވާދަވެރި ބާސެލޯނާއަށް ކުޅެފައި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެ ޓީމު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޮބީނިއޯ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލްގެ ވާދަވެރި ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ނޭމާ ބަދަލުވީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށެވެ. އެހެން ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ޕީއެސްޖީއިން ކާމިޔާބުކޮށްފިނަމަ ރެއާލްއަށް އޭނާ ވިއްކާލުމަށް އެ ޓީމުން އެއްބަސްވާނެއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑު ހޯދުމަށް ރެއާލް އިން މަސައްކަތްކުރަމުން އަންނަނީ އެ ޓީމުގެ ފޯވާޑް ލައިނުގައި މިވަގުތު ތިބި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ނުދެއްކުމާ ގުޅިގެންނެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ރެއާލްއަށް ކުޅުނު ރޮބީނިއޯ ބުނީ ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަވަސް މުސްތަގުބަލެއްގައި އޭނާ ރެއާލްގެ ޖާޒީ އިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރޮބީނިއޯ ބުނީ ޕީއެސްޖީއާ އެކު އޭނާ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވުމަކީ އެކަމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ސީޒަނުގައި ރެއާލްގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޒައިނުއްދީން ޒިދާންއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ރޮބީނިއޯ ބުނީ މިއީ ރެއާލްއަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި ކޮންމެ ޓީމަކަށް ވެސް އެފަދަ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ. ރޮބީނިއޯ ބުނީ ޒިދާންއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށެވެ. އޭނާ ބުނީ ރަނގަޅު ނަތީޖާ ނެރުމަށް ރެއާލްއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ރެއާލްގެ ސަޕޯޓަރުން ވެސް އަބަދު ބޭނުން ވަނީ މޮޅު ހޯދަން ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް އެދެނީ ރެއާލްއަށް ކާމިޔާބު ލިބުން ކަމަށާއި ސްޕެއިންގެ އެހެން އެއްވެސް ޓީމަކަށް އޭނާ ސަޕޯޓު ނުކުރާނެ ކަމަށެވެ.

މި ސީޒަނުގައި ރެއާލްއަށް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އެންމެ ބޮޑީ ޔުއެފާ ޗެމްޕިއަންސް ލީގުއެވެ. ރޯބީނިއޯ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ގަދަ އަޅައި މަސައްކަތްކުރަން ޖެހޭ ކަމަށާއި ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުން ވެގެންދާނީ ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އެހެން ނަމަވެސް ރޮބީނިއޯ ބުނީ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެ ލެގު ވެސް ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

ރޮބީނިއޯ މިހެން ބުނެފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލްގެ ރައީސް ވެސް ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ކޮންމެވެސް އެއް ހިސާބަކުން ރެއާލްއަށް ނޭމާ ގެންނަން ބޭނުންވާ ކަމަށާއި ރެއާލްއަށް ކުޅުމުގެ ހުރިހާ ސިފައެއް ނޭމާގެ ކިބައިގައި އެބަހުރި ކަމަށެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީއަށް ބަދަލުވެ އޭނާ އަންނަނީ އެ ޓީމުގެ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 24 މެޗުގައި 23 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް