ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 11:27
ވައި-18 ސްޕޯޓްސް ފިއެސްޓާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ވައި-18 ސްޕޯޓްސް ފިއެސްޓާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ރައީސް އޮފީސް
ވައި 18 ފިއެސްޓާ
ވައި-18 ސްޕޯޓްސް ފިއެސްޓާ ލަސްވެ ޓީމުތައް ރަތަށް
މި މުބާރާތުގައި 250 ޓީމު ބައިވެރިވެފައިވޭ
މި ފިއެސްޓާ އެންމެފަހުން ފެށުމަށް ތާވަލުކުރެވުނީ މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު

ވެރިކަން ކުރަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިސްނަގައިގެން ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމި "ވައި-18 ސްޕޯޓްސް ފިއެސްޓާ" ގެ ފެށުން ލަސްވެ ޓީމުތައް ރުޅިގަދަވެއްޖެއެވެ.

މި ފިއެސްޓާ ފެށުމަށް މީގެކުރިން އިއުލާނު ކޮށްފައި އޮތީ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭރު ރާއްޖެ ހިމެނުނު ސަރަހައްދުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައާ ގުޅިގެން މި ފިއެސްޓާ ލަސްކުރެވުނެވެ. އޭރު މި މުބާރާތުގައި ބައިވެރިވުމަށް 250 ޓީމު ނަން ހުށަހެޅި ކަމަށް މި ފިއެސްޓާ އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފައިވެއެވެ.

މި ފިއެސްޓާ އެންމެ ފަހުން ފެށުމަށް ތާވަލު ކުރެވުނީ މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ފިއެސްޓާގެ އެކި މުބާރާތުގެ ގުރުއަތުލުން މި މަހުގެ 12 ވަނަ ދުވަހު ބާއްވާފައިވެއެވެ. އެހެން ނަމަވެސް 19 ޖެނުއަރީއަށް ފަހު ހަފްތާއެއްހާ ދުވަސް ފާއިތުވެގެންދިޔައިރު ވެސް މި ފިއެސްޓާ ފެށިފައިނުވުމާއެކު މުބާރާތުގައި ބައިވެރި ޓީމުތައް ރުޅި އައިސް ރަތަށް އަރާފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

މި ފިއެސްޓާ ބައިވެރިވި ޓީމެއްގެ ފަރާތުން ވާހަކަދެއްކި މީހަކު ރާއްޖެއެމްވީއަށް ބުނީ ފިއެސްޓާ ދުވަހެއް ދުވަހަކަށް ލަސްވަމުން ދިޔުމާއެކު ބޮޑެތި ގެއްލުންތަކެއް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބެމުންދާ ކަމަށާއި ފިއެސްޓާ ލަސްވަމުންދާ ސަބަބު ވެސް ޓީމުތަކަށް އަންގާފައިނުވާ ކަމަށެވެ. ބައިވެރިވި ޓީމުތަކުން ފިއެސްޓާއަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެފަދަ އެއްވެސް މަސައްކަތެއްގެ ނަތީޖާ ފެންނާނެކަމުގެ އުއްމީދެއް ނެތް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

މި ފިއެސްޓާގެ ދަށުން ކޮންމެ ޓީމަކަށް ތިން ސެޓު ޖާޒީ ދިނުމަށް ހަމަޖެހުނެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެހެން ޓީމެއްގެ މީހަކު ބުނީ ޖާޒީ ހަވާލުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ޖާޒީތައް  ދީފައިވަނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކަމަށެވެ. އޭނާ ބުނީ ބައެއް ޖާޒީތަކުގައި ނަމްބަރު ރަނގަޅަށް ޖަހާފައި ނުވާ ކަމަށާއި އަދި ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ސައިޒު ހަމަވާގޮތަށް ޖާޒީ ދީފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން މި ފިއެސްޓާ ރާވާ ހިންގާ ފަރާތުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި ފިއެސްޓާ ލަސްވަމުންދަނީ ވެރިކަން ކުރާ ޕާޓީގެ ލީޑާޝިޕުގައި މެދުގައި މި ފިއެސްޓާ ކުރިޔަށް ގެންދިޔުމާމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުޅެމުންދާތީއެވެ.

މި ފިއެސްޓާއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދިނުމަށް ތާއީދު ހޯދުމުގެ ގޮތުންނާއި ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މިފަދަ މަގްސަދެއްގައި މި ފިއެސްޓާ ބާއްވާނެ ކަމަށް އިއުލާނުކުރިއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވެރިކަންކުރާ ޕީޕީއެމްއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން އާންމުކުރި ކުޅިވަރު މެނިފެސްޓޯގައި ހިމެނިފައިވާ ގިނަ ވައުދުތައް މިއަދާ ހަމަޔަށް ދާންދެން ވެސް ފުރިހަމަ ކުރެވިފައި ނުވުމެވެ. މީގެ ފަސް އަހަރުކުރިން ވި ވައުދުތައް ނުފުއްދައި ބޮޑެތި މުބާރާތްތައް ބޭއްވުމަށް ވައުދުވަމުން ދިޔުމާއެކު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ޕީޕީއެމްއަށް ވަނީ އަމާޒުވެފައެވެ. ހަމައެހެންމެ މި މުބާރާތް ބޭއްވުމުގެ އަސްލު މަގްސަދާއި މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް