ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 14:47
ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ފަހު ވޮޒްނިއާކީ އުފާ ފާޅުކުރަނީ
ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ފަހު ވޮޒްނިއާކީ އުފާ ފާޅުކުރަނީ
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ފައިނަލުގައި ހޭލެޕް އަދި ވޮޒްނިއާކީގެ ވަރުގަދަ ކުރިމަތިލުމެއް
ސެމީގައި ވޮޒްނިއާކީ ވަނީ ސީދާ ދެ ސެޓުން އެލީސް މާޓެންސް ބަލިކޮށްފައި
ހޭލެޕް ފައިނަލްގެ ޖާގައެއް ހޯދީ ސެމީގައި އެންޖެލިކް ކާބާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެން

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ އަދި ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނައަށް ސީޑް ކުރެވިފައިވާ ވޮޒްނިއާކީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ދުނިޔޭގެ ރޭންކިންގެ 37 ވަނައިގައި ރޭންކް ކުރެވިފައިވާ ބެލްޖިއަމްގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލީސް މާޓެންސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އުމުރުން 27 އަހަރުގެ ވޮޒްނިއާކީ އޭނާ ގެންދިޔައީ 6-3 އަދި 7-6 އިންނެވެ.

މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނީ މުބާރާތުގެ މިހާތަނަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި އޭނާއާ އެއްކޮޅަށް ނަތީޖާ ނެރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ މިއީ އަނެއްކާ ވެސް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ފައިނަލް މެޗު ކުޅުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްއިން ވޮޒްނިއާކީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުވަހަކު ވެސް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައި ނުވާ ވޮޒްނިއާކީ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި މީގެ ހަތް އަހަރު ކުރިން ވާދަކުރިއެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ހޭލެޕް ފައިނަލްއަށް ދަތުރުކުރީ ވާދަވެރި މެޗަކަށް ފަހު 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޖަރުމަނުގެ އެންޖެލިކް ކާބާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ހޭލެޕް ގެންދިޔަ ނަމަވެސް ކާބާ ވަނީ ދެވަނަ ސެޓު 6-4 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ހޭލެޕް ގެންދިޔައީ 9-7 އިންނެވެ.

ދެ ފަހަރެއްގެ މަތިން ފްރެންޗް އޯޕަންގެ ފައިނަލުގައި ވާދަކޮށް ބަލިވި ހޭލެޕް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ސެމީގައި ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި މެޗުން މޮޅުވީ އެންމެންގެ ފަރާތުން ލިބުނު ސަޕޯޓުން ކަމަށެވެ. އޭނާ ބުނީ ހަމަޖެހިގެން ހުރެ މެޗު ކުޅުމަށް މަސައްކަތްކުރި ކަމަށާއި އޭނާ އަބަދުވެސް ދެކުނީ މެޗުން މޮޅުވެވޭނެ ކަމަށް ކަމަށެވެ.

މި ދެ ކުޅުންތެރިން ބައްދަލުކުރާ ފައިނަލް މެޗު ކާމިޔާބުކުރާ ކުޅުންތެރިޔަކަށް އަންނަ ހަފްތާގާއި ޑަބްލިއުޓީއޭއިން ނެރޭ ޓެނިސް ރޭންކިންގެ އެއްވަނަ މަގާމު ކަށަވަރުވާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް