ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 10:52
މޮރީނިއޯ އަދި ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު
މޮރީނިއޯ އަދި ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު
މެންޗެސްޓާ ޔުނައިޓެޑް
ހޯސޭ މޮރީނިއޯ
ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މޮރީނިއޯ އާކޮށްފި
އޭނާ އެއްބަސްވުން އާކުރީ 2020 ވަނަ އަހަރުގެ ނިޔަލަށް
މީގެ ދުވަސްކޮޅެއް ކުރިން އޭނާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ މީޑީއާގައި ރިޕޯޓުތަކެއް ދައުރުވި
މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް އޭނާ ޔުރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދިން

މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާއިވާ ކޮންޓްރެކްޓް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އާކޮށްފިއެވެ.

ޔުނައިޓެޑާ އެކު ބުރާސްފަތި ދުވަހު މޮރީނިއޯ އާ ކޮންޓްރެކްޓެއްގައި ސޮއިކުރިކަން އެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކްލަބްގެ ރަސްމީ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ވަނީ އޭނާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި އަދި މި ކޮންޓްރެކްޓްގެ ދަށުން ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ އަދި އިތުރު އެއް އަހަރު އޭނާ ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށެވެ. ޕޯޗުގަލްއަށް އުފަން އުމުރުން 54 އަހަރުގެ ކޯޗު މީގެ ކުރިން ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2019 ވަނަ އަހަރުއެވެ.

ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ބުނީ އެ ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން މޮރީނިއޯ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަމަށާއި އޭނާ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ ބުނީ މޮރީނިއޯގެ މަސައްކަތާއި އޭނާގެ ޕްރޮފެޝަނަލް ކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ޒުވާން ކުޅުންތެރިން އުފެއްދުމުގައި އޭނާ ކުރަމުން އަންނަ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމަށް ފަހު އަލުން އަނބުރާ އެ ކްލަބްއަކީ ގަދަ ބާރަކަށް ހަދާފައިވާ ކަމަށާއި މުސްތަގުބަލުގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ރަނގަޅު ނަތީޖާ ގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މޮރީނިއޯ ޔުނައިޓެޑާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި މިވަނީ އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ބުނެ މީޑިއާގައި ގިނަ އަދަދެއްގެ ރިޕޯޓުތައް ދައުރުވަމުންދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން ކުޅުންތެރިން ގެނައުމަށް އޭނާއާ ހަވާލުކޮށްފައިވާ ބަޖެޓާ މެދު އޭނާ ހިތްހަމަނުޖެހި ފާޅުކުރިކަމަށް ބުނެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިފަދަ ރިޕޯޓުތައް މީޑިއާގައި ދައުރުވަމުން ދަނިކޮށް ޔުނައިޓެޑްއިން ވަނީ އާސެނަލްއަށް ކުޅެމުން އައި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެ ޓީމަށް ގެނެސްފައެވެ.

އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ޔުނައިޓެޑްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އެކަމާއި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި އޭނާ ކުރި މަސައްކަތް ބަލައިގަންނަކަން އެނގިގެން ގޮސްފި ކަމަށާއި އޭނާއަށް ކްލަބުން އިތުބާރުކުރާ މިންވަރު ހާމަވުމުން ވަރަށް އުފާވާ ކަމަށެވެ.

މޮރީނިއޯ ބުނީ މިހާރު އެޅެމުންދާ ބިންގަލަކީ މުސްތަގުބަލުގައި ޔުނައިޓެޑަށް ގިނަ ކާމިޔާބުތަކެއް އެކަމުގެ ސަބަބުން ލިބިގެންދާނެ ބިންގަލެއް ކަމަށާއި މިވަގުތު ޓީމުގެ ހުރިހާ ކަމެއް ވެސް ދަނީ އޭނާގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އޭނާ ބުނީ އާ ކޮންޓްރެކްޓެއްގައި އޭނާއަށް ސޮއިކުރަން ފުރުސަތު ލިބުނީ ޓީމުގެ ކުޅުންތެރިންނާއި އޭނާގެ ކޯޗިން ސްޓާފުންގެ މަސައްކަތުން ކަމަށާއި އެ ކްލަބްގެ ސަޕޯޓަރުން ދެމުންދާ އެއްބާރުލުމާ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭނާގެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ލީގު ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް މި ސީޒަނުގެ ކުރީކޮޅު އެ ޓީމުން ދެއްކި ކުޅުން ސީޒަނުގެ މިހާ ހިސާބަށް އައިއިރު ދެމެހެއްޓިފައެއް ނުވެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ޓީމު ޖާގަ ހޯދާފައިވާއިރު ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށް ވުރެ 12 ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް