ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 08:07
އެސްޕަނިޔޯލް ކޮޅަށް ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ސުއަރޭޒް އުފާފާޅު ކުރަނީ
އެސްޕަނިޔޯލް ކޮޅަށް ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ސުއަރޭޒް އުފާފާޅު ކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ކޮޕާ ޑެލްރޭ
ކޮޕަ ޑެލް ރޭ: އެސްޕަނިޔޯލް ބަލިކޮށް، ސެމީ ފައިނަލްގެ ފަހު ޖާގަ ބާސެލޯނާ ހޯދައިފި
ސެމީ ފައިނަލްގެ ޖާގަ ބާސެލޯނާ ހޯދީ އެސްޕަނިޔޯލްގެ މައްޗަށް 2-1 ގެ އެގްރިގޭޓުން ކުރި ހޯދައިގެން
ޖެނުއަރީ ޓްރާސްފަރގައި ލިވަޕޫލް އިން ބާސެލޯނާ އާ ގުޅުނު މިޑްފީލްޑަރ ފިލީޕޭ ކޫޓީނިއޯ ވަނީ މިމެޗުގައި ކުޅެން ނިކުމެފަ
ބާސެލޯނާގެ އިތުރުން ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލްގެ ޖާގަ ހޯދާފައިވަނީ ސެވިއްޔާ، ވެލެންސިއާ އަދި ލެގާނޭސް

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި އެސްޕަނިޔޯލް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ބާސެލޯނާ ހޯދައިފި އެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ބާސެލޯނާ ހޯދީ، ބުރާސްފަތި ދުވަހުގެރޭ ބާސެލޯނާގެ ދަނޑު ނޫ ކޭމްޕްގައި ކުޅުނު ދެވަނަ ލެގުގައި އެސްޕަނިޔޯލްގެ މައްޗަށް 2-0 ން ކުރި ހޯދައިގެންނެވެ. މި ދެޓީމް އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މެޗު 1-0 ން އެސްޕަނިޔޯލް ކާމިޔާބު ކޮށްފައިވުމާއެކު، ދެ ލެގުގެ އެގްރިގޭޓުން ބާސެލޯނާ އަށް ކުރި ލިބުނީ 2-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ 9 ވަނަ މިނިޓުގައި އެލެކްސް ވިޑާލް ނަގައިދިން ހުރަހަކުން، ބާސެލޯނާ އަށް ކުރި ހޯދައިދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

25 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދީ، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްދިން ލަނޑު ޖަހައިދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ. މިއީ ބާސެލޯނާގެ ދަނޑު، ނޫ ކޭމްޕްގައި އެކްލަބުން ޖެހި 4000 ވަނަ ލަނޑެވެ.

މިމެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މެސީ އިތުރު ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ނަގައިދިން ހުރަހަކުން މެސީ ބޮލުން ފޮނުވާލި ހަމަލާ އަމާލުވީ ގޯލުގެ ދަނޑިއަށެވެ.

ޖެނުއަރީ ޓްރާންސްފަރގައި ލިވަޕޫލް އިން 142 މިލިއަން ޕައުންޑުގެ އަގަކަށް ބާސެލޯނާ އާ ގުޅުނު ފޯވާޑް ފިލީޕޭ ކޫޓީނިއޯ ވަނީ މިމެޗުގެ 68 ވަނަ މިނިޓުގައި ކުޅެން ނިކުމެފައެވެ. މިއީ ކޫޓީނިއޯ ބާސެލޯނާގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ބާސެލޯނާގެ އިތުރުން ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި އެތުލެޓިކޯގެ މައްޗަށް ކުރިހޯދި ސެވިއްޔާ އާއި، ވެލެންސިއާގެ އިތުރުން ކުއާޓަރ ފައިނަލްގައި ރެއާލް މެޑްރިޑް ބަލިކުރި ލެގާނޭސް އެވެ.

- ކޮމެންޓް