މި ފެށޭ ފުޓްބޯޅަ ސީޒަނަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.
ނިއު އިން ވަނީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި އެ ޓީމުގެ އެންމެ ފުރަތަމަ ފަރިތަކުރުން ބާއްވާފައެވެ. މި ސީޒަނަށް ވެސް ނިއު ނުކުންނާނީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ކާމިޔާބު ހޯދައި ދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުންނެވެ.
މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ވަނީ އާ ހަތް ކުޅުންތެރިޔަކު ގެނެސްފައެވެ. އެ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަފްޣާނިސްތާނުގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު ޒޮހިބް އިސްލާމް އާމިރީއެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މާޒިޔާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އުމައިރު އާއި ކްލަބް އީގަލްސްގެ ކެޕްޓަންކަން މިދިޔަ ދެ ސީޒަނުގައި ވެސް ކުރި އިމްރާން ނަޝީދު (އިންމަ) ވެސް އެ ޓީމަށް ގެނެސްފައެވެ. މި ކުޅުންތެރިންގެ އިތުރުން ކްލަބް ވެލެންސިއާގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ވެސް ވަނީ އެ ޓީމު ސޮއިކޮށްފައެވެ.
ހަމައެހެންމެ އެ ޓީމުން ވަނީ ޒުވާން ކުޅުންތެރިން ވެސް މި ސީޒަނަށް އަމާޒުކޮށް ގެނެސްފައެވެ. އެގޮތުން ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހި އުއްމީދީ ފޯވާޑް އިބްރާހިމް އަތީގް އަދި ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އުމުރުން 16 އަހަރުގެ ހަސަން އަބްދުލް ހަކީމް އިތުރުން ކްލަބް އީގަލްސްއަށް މިދިޔަ ސީޒަނުގެ ކުރީކޮޅު ކުޅުނު އުމުރުން 20 އުއްމީދީ މިޑްފީލްޑަރު ރިހާމް އަބްދުލް ޢަނީ (ބޮބީ) ވަނީ އެ ޓީމަށް ގެނެސްފައެވެ.
މިދިޔަ ސީޒަނުގައި ނިއުއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗްގެ އިތުރުން އަމިއްލަ ސަބަބުތަކަށްޓަކައި އެ ޓީމު ދޫކޮށްލި ސްޕެއިންގެ އެޑްރިއަން ގަލާޑޯ މި ސީޒަނުގައި ނުފެންނާނެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި އެ ޓީމުން އަންނަނީ އާ ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުންނެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި އެ ޓީމުގެ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ) އާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލް ޣަނީ، ހަސަން އަދުހަމް، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީ ހިމެނެއެވެ. މީގެއިތުރުން ހަމްޒާ މުހައްމަދާއި އަލީ ފާސިރުގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން އެއްބަސްވެފައެވެ.
ބުރާސްފަތި ދުވަހު ފެށި ޕްރެކްޓިސްގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވިއިރު އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރިކަން ނިއު އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ ޝަރަފުވެރި ތިން ތަށި ވެސް ކާމިޔާބުކުރި ނިއު އިން މި ސީޒަނާ ކުރިމަތިލާނީ މިދިޔަ ސީޒަނުގެ ކާމިޔާބީ ތަކުރާރުކޮށް އޭއެފްސީ ކަޕްގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ.