ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 16:47
މި މުބާރަތުން ރެއާލް ކަޓުވާލި ލަނޑު ޖެހުމަށް ފަހު ލެގާނޭސގެ ކުޅުންތެރިން އުފާފާޅުކުރަނީ
މި މުބާރަތުން ރެއާލް ކަޓުވާލި ލަނޑު ޖެހުމަށް ފަހު ލެގާނޭސގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރޮއިޓަރސް
ސްޕެނިޝް ކޮޕާ ޑެލްރޭ
ސްޕެނިޝް ކޮޕާ ޑެލްރޭ: ލެގާނޭސް އަތުން ހިތްދަތި ގޮތަކަށް ބަލިވެ ރެއާލް ކަޓައިފި
ރެއާލް ދަނޑުގައި ކުޅުނު ދެވަނަ ލެގު ލެގާނޭސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން
މި ދެ ޓީމު ލެގާނޭސް ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބުކުރީ ރެއާލް މެޑްރިޑް
މި މުބާރާތުން ރެއާލް ކަޓާފައިވާއިރު އެ ޓީމަށް މި ސީޒަނުގައި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވޭ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގައި ލެގާނޭސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ މި މުބާރާތުން ވަރުގަދަ ރެއާލް މެޑްރިޑް ކަޓައިފިއެވެ.

ރެއާލް ދަނޑުގައި ކުޅުނު ދެވަނަ ލެގު ލެގާނޭސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ލެގާނޭސް ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. ލެގާނޭސް ސެމީއަށް ދަތުރުކުރީ 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާ ގުޅިގެން ރަށުން ބޭރުގައި ޖެހި ލަނޑުން އެ ޓީމަށް ކުރި ލިބޭތީއެވެ.

ރެއާލްގެ ފުރަތަމަ އެގާރަ އިން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލެގާނޭސްގެ ޓީމުން ރެއާލްގެ ޑިފެންސް ތަކުރާރުކޮށް ހުޅުވާލަމުން ދަނިކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑު 25 ޔާޑު ބޭރުން ފޮނުވާލި ބާރު ހަމަލާއަކާ އެކު އެ ޓީމަށް ޖަހައިދިނީ އެރާސޯއެވެ. މި ލަނޑަށް ފަހު ރެއާލް އިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރި އިރު އެ ޓީމަށް ނަތީޖާ ހަމަހަމަކުރެވިފައެއް ނުވެއެވެ.

ލެގާނޭސް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ރެއާލް އިން ވަނީ ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ގެބްރިއެލް ވަނީ ލެގާނޭސް އަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެއާލްއަށް ނަތީޖާ ހަމަހަމަކުރުމަށް ގިނަ ފުރުސަތުތަކެއް ލިބެގެންދިޔައިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.  

ރެއާލް މި މުބާރާތުން ކަޓާފައިވާ އިރު ވެލެންސިއާ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު ސެމީއަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ވެލެންސިއާ އިން އަލާވޭސް ކަޓުވާލީ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މި މެޗުގައި ވެލެންސިއާ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ސެންޓި މިނާ އާއި ރޮޑްރިގޯގެ އިތުރުން ހޯސޭ ގާޔާ އެ ކުޅުންތެރިން ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު ޖޮފްރީ ކޮންޑޮގްބިއާގެ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. އަލާވޭސްގެ ކުޅުންތެރިންގެ ތެރެއިން ތޯމަސް ޕީންޔާ އާއި މުނީރް އެލް ހައްދާދީ ޕެނަލްޓީ ކާމިޔާބުކުރިއިރު ރުބެން ސޮބްރީނޯ އާއި އަލްފޮންސޯ ޕެޑްރާޒާ އަދި ހަނާން ޕެރޭޒް ޖެހި ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ.

މި ދެ ޓީމުގެ އިތުރުން ސެވިއްޔާ ވެސް ވަނީ ސެމީ ފައިނަލްއަށް ދަތުރުކޮށްފައެވެ. މި މުބާރާތުން ރެއާލް ކަޓާފައިވާއިރު އެ ޓީމަށް މި ސީޒަނުގައި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޒައިނުއްދީން ޒިދާންއަށް ބޮޑެތި ފާޑުކިޔުންތަކާ ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް