ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 12:36
އަނިޔާވެ މުބާރާތުން ކެޓުމާ އެކު ނަދާލް ކޯޓުން ދަނީ
އަނިޔާވެ މުބާރާތުން ކެޓުމާ އެކު ނަދާލް ކޯޓުން ދަނީ
ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ނަދާލް އަދި ޑިމިޓްރޯވް ކަޓައިފި
ނަދާލް މި މުބާރާތުން ކެޓީ މަރިން ސިލިޗް އަތުން ތިން ސެޓު ދެ ސެޓުން ބަލިވެގެން
ގްރިގޯ ޑިމިޓްރޯވް މުބާރާތުން ކެޓީ ކައިލް އެޑްމަންޑްއާ ވާދަކޮށް ތިން ސެޓު އެއް ސެޓުން ބަލިވެގެން
ފިރިހެން ސިންގަލްސްގެ ފުރަތަމަ ސެމީގައި ކުޅޭނީ އެޑްމަންޑް އަދި ސިލިޗް

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ދެކުނު ކުޅުންތެރިން ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަދާލް އަދި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އެ މުބާރާތުން ކަޓައިފިއެވެ.

ދުނިޔޭގެ އެއްވަނައިގައި ރޭންކް ކުރެވިފައިވާ ނަދާލް މި މުބާރާތުން ކެޓީ ހަވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ސިލިޗް އަތުން ތިން ސެޓު ދެ ސެޓުން ބަލިވުމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ނަދާލް ގެންދިޔައިރު ދެވަނަ ސެޓު 6-3 އިން ގެންދިޔައީ ސިލިޗްއެވެ. ސެމީގެ އުއްމީދު ތިން ވަނަ ސެޓު 7-6 އިން ގެންގޮސް ނަދާލް ދެމެހެއްޓި އިރު ސިލިޗް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-2 އަދި 2-0 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

ނަދާލް މެޗުގެ ފަސްވަނަ ސެޓު ފުރިހަމަނުކޮށް މެޗު ދޫކޮށްލީ އަނިޔާގެ ސަބަބުން މެޗު އިތުރަށް ކުރިޔަށް ނުގެންދެވުމާ ގުޅިގެންނެވެ. މިއީ ނަދާލްގެ ކެރިއަރުގައި ކުޅުނު 264 ގްރޭންޑް ސްލޭމް މެޗުގައި އަނިޔާގެ ސަބަބުން އޭނާ މެޗެއް ފުރިހަމަނުކޮށް ދޫކޮށްލި ދެވަނަ ފަހަރެވެ. މުބާރާތުން ކެޓުމަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ އަނިޔާގެ ކުޑަބޮޑުމިން އެނގޭނީ އެމްއާރުއައި ސްކޭނަށް ފަހު ކަމަށާއި މިވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު ބުނަން ނޭނގޭ ކަމަށެވެ.

މި މުބާރާތުގެ ތިންވަނައަށް ސީޑު ކުރެވުނު ގްރިގޯ ޑިމިޓްރޯވް މުބާރާތުން ކެޓީ އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑްއާ ވާދަކޮށް ތިން ސެޓް އެއް ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން އެޑްމަންޑް ގެންދިޔައިރު ޑިމިޓްރޯވް ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް އެޑްމަންޑް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސް މި މެޗު ކާމިޔާބުކޮށްފައެވެ.

ފިރިހެން ސިންގަލްސްގެ ފުރަތަމަ ސެމީގައި ކުޅޭނީ އެޑްމަންޑް އަދި ސިލިޗްއެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު ކުއާޓާއަށް ދަތުރުކުރި ދެކުނު ކޮރެއާގެ ހިޔޮން ޗުންގް ވަނީ ސީދާ ތިން ސެޓުން އެމެރިކާގެ ޓެނީސް ސެންޑްގްރެން ބަލިކޮށް ސެމީއަށް ދަތުރުކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-4، 7-6 އަދި 6-3 އިންނެވެ. އޭނާ ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ އަށް އަހަރުތެރޭ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީއިން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާ ސެމީގައި ނުކުންނަން ޖެހޭނީ ރޯޖާ ފެޑެރާ އަދި ތޯމަސް ބާޑިޗްއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް