ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 18:52
ހެންރިކް މިޚްތަރިޔާން އާސެނަލްގެ ޖާޒީގައި
ހެންރިކް މިޚްތަރިޔާން އާސެނަލްގެ ޖާޒީގައި
ޓްވިޓަރ
ހެންރިކް މިޚްތަރިޔާން
ސަންޗޭޒްގެ ބަދަލުގައި އާސެނަލްއަށް މިޚްތަރިޔާން
އޭނާ އެ ޓީމާއެކު ސޮއިކޮށްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި

ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމުން އޭގެ ބަދަލުގައި އެ ޓީމަށް ކުޅެމުން އައި އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އާސެނަލްއަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ މިޚްތަރިޔާން އެ ޓީމަށް ސޮއިކުރިކަން ކަށަވަރު ކޮށްދީފައެވެ. އެ ޓީމުން ބުނީ އޭނާ އެ ޓީމާއެކު ސޮއިކޮށްފައި ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ކަމަށެވެ. މެންޗެސްޓާ ޔުނައިޓެޑާއި 2016 ވަނަ  އަހަރު މިޚްތަރިޔާން ގުޅުނީ 26.3 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާވަނީ އެ ޓީމަށް 39 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު އެ ޓީމުން ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އެ ޓީމުގައި އަދާކުރި ކުޅުންތެރިޔެކެވެ.

މިޚްތަރިޔާން އާސެލްއަށް ދިނުމަށް ޔުނައިޓެޑްއިން އެއްބަސްވީ އެލެކްސިސް ސަންޗޭޒް އެ ޓީމަށް ގެންދިޔުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އާސެނަލްގެ ގިނަ ސަޕޯޓަރުން ސިފަކުރަމުން އަންނަނީ އޭނާއަކީ ސަންޗޭޒްއަށް ވުރެ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

އާސެނަލްއަށް ބަދަލުވުމަށް ފަހު މިޚްތަރިޔާން ބުނީ ޓްރާންސްފާގެ ކަންކަން ނިންމާލެވުމުން ވަރަށް ހިތްހަމަޖެހިފައިހުރި ކަމަށާއި އާސެނަލްއަށް ކުޅުމަކީ އޭނާ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އެ ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި އަމާޒަކީ އާސެނަލްއާއެކު ތާރީހީ ކާމިޔާބުތަކެއް ހޯދުން ކަމަށެވެ.

އާސެނަލްގެ ކޯޗު ވެންގާ ބުނީ މިޚްތަރިޔާން އަކީ ވަރަށް ފުރިހަމަ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ފުރުސަތުތައް ތަނަވަސްކޮށްދީ ޑިފެންސްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާއަކީ އާސެނަލްގެ ޖާޒީގައި ކާމިޔާބު ހޯދޭނެ ހުރިހާ ސިފައެއް ހުރި ކުޅުންތެރިޔެއް ކަމަށް ވެންގާ ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރުގެ ކެރިއަރު ފެށީ އަމިއްލަ ގައުމުގެ ޓީމެއް ކަމަށްވާ އެފްސީ ޕިޔުނިކްއިންނެވެ. އެޔަށް ފަހު އެ ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއަށް ބަދަލުވެ  އެ ޓީމާއެކު ޔޫކްރެއިންގެ ލީގު ތިންފަހަރަކު އޭނާ ކާމިޔާބުކުރިއެވެ. ހަމައެހެންމެ އޭނާ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކިއެވެ. އަރމީނިއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މިޚްތަރިޔާންއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ހަމައެހެންމެ އޭނާ ވަނީ އަރމީނިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރެއްގެ މަތިން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް