ރިޓޭލް މާކެޓްގައި އެންމެ ނުފޫޒުގަދަ އެއް ކުންފުނި ކަމަށްވާ އެމަޒޯން އިން ކޭޝިއަރުންނާ ނުލައި ވިޔަފާރިކުރެވޭ ސުޕަމާކެޓެއް އެމެރިކާގެ ސިއޭޓަލްގައި ހުޅުވައިފިއެވެ.
މި ސުޕަމާކެޓަށް ވަދެވެނީ ކަސްޓަމަރުންގެ ފޯނުން އެމަޒަން ގޯ އެޕްލިކޭޝަންގެ ކިޔުއާރް ކޯޑް ސްކޭން ކުރުމަށް ފަހުގައެވެ.
ސުޕަމާކެޓްއަށް ވަނުމަށް ފަހު ކޮންމެ އެއްޗެއް ނެގި ކަމުގައިވިޔަސް އެމަޒޯން ގޯ އެޕް އަށް އެ ނެގި އައިޓަމެއް ލިސްޓް ވެގެންދެއެވެ. ކަސްޓަމަރުންނަށް ސުޕަމާކެޓުން ބޭނުން އެއްޗެއް ނަގައި އަތުގައި އޮންނަ ޝޮޕިންގް ބޭގް އަށް ލެވޭނެއެވެ.
މިކަމުގެ ސަބަބުން ބާޒާރުކުރުމަށް ޓްރޮލީތައް ނުވަތަ ބާސްކެޓްތައް ބޭނުން ނުވާނެ ކަމަށް ވެސް އެމަޒޯން އިން ބުނެއެވެ.
މީގެ އިތުރުން ކަސްޓަމަރު ވަކި އައިޓަމެއް ނަގާފައި ހިޔާލު ބަދަލުވެގެން އެ ނެގި އެތި އަލުން ޝެލްފްގައި ބެހެއްޓުމުން އެ އައިޓަމް ލިސްޓުން އުނިވެގެންދެއެވެ.
ސުޕަމާކެޓުން ކަސްޓަމަރު ނުކުންނަ ވަގުތު އެ ނެގި ސާމާނުތަކަށް އެމަޒޯން އެޕް އިން އޮޓޯ އިން ބިލް ކުރެވި އަދި އޮންލައިންކޮށް ޗާޖް ކުރެވޭނެއެވެ.
އެމަޒޯން އިން ވަނީ އެތައް ސަތޭކަ ކެމެރާތަކާއި ސެންސަރތައް ބޭނުންކޮށްގެން މި ސުޕަމާކެޓް މޮނީޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
މިހާތަނަށް ހަމައެކަނި ސިއޭޓަލްގައި މި ސުޕަމާކެޓް ހުޅުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އެހެން ސިޓީތަކުގައި މީގެ ސުޕަމާކެޓްތައް ހުޅުވާނެ ކަމަށް ވެސް އެމަޒޯން އިން ވަނީ ބުނެފައެވެ.