ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 18:53
ނޮވަކް ޖޮކޮވިޗް
ނޮވަކް ޖޮކޮވިޗް
ރޮއިޓަރސް
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ރެކޯޑު ހެދުމަށް ޖޮކޮވިޗް ކުރަމުން އައި އުއްމީދުތަކަށް ނިމުމެއް
ޖޮކޮވިޗް ވަނީ ދެކުނު ކޮރެއާގެ ހިޔޮން ޗުންގްގެ އަތުން ސީދާ ތިން ސެޓުން ބަލިވެފައި
ފަސްވަނައަށް ސީޑުކުރެވުނު އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ވަނީ ތިން ސެޓު ދެ ސެޓުން ޓެނީސް ސެންޑްގްރެން އަތުން ބަލިވެފައި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ރެކޯޑު ހަތްވަން ފަހަރަށް ކާމިޔާބުކުރުމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުރަމުން އައި އުއްމީދުތަކަށް ނިމުމެއް އައިސްފިއެވެ.

އޭނާގެ މި އުއްމީދުތަކަށް ނިމުމެއް އައީ ގަދަ 16އިގެ މެޗުގައި ދެކުނު ކޮރެއާގެ ހިޔޮން ޗުންގްގެ އަތުން ސީދާ ތިން ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ސެޓުތައް އުމުރުން 21 އަހަރުގެ ޗުންގް ގެންދިޔައީ 7-6، 7-5 އަދި 7-6 އިންނެވެ. އޭނާ ވެގެން ގޮސްފައިވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދި ދެކުނު ކޮރެއާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޖޮކޮވިޗްވަނީ އުޅަބޮއްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަރުވާވެސް ހޯދާފައެވެ. މެޗުން ބަލިވުމަށްފަހު 14 ވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ބުނީ ފުރަތަމަ ސެޓުގައި މެޗުން ބަލިވާނެކަން ކަށަވަރުވި ކަމަށާއި ލިބިފައިވާ އަނިޔާއާ ދެކޮޅަށް މެޗު ފުރިހަމަކުރަން ނިންމީ ކަމަށެވެ. އޭނާ ބުނީ އަނިޔާއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މި މޮޅަކީ ޗުންގްއަށް ހައްގު މޮޅެއް ކަމަށެވެ.

މެޗުން މޮޅުވި ޗުންގް ބުނީ އޭނާ ކުޑައިރު އަބަދުވެސް ކޮޕީކުރީ ޖޮކޮވިޗްގެ ކުޅުން ކަމަށާއި އޭނާގެ އައިޑޮލްއެއް ކަޓުވާލުމަށްފަހު ކުއާޓާއަށް ދެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ މޮޅުވާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. ކުއާޓާ ފައިނަލުގައި ޗުންގް ނުކުންނާނީ އެމެރިކާގެ ޓެނީސް ސެންޑްގްރެންއާ ދެކޮޅަށެވެ.

އޭނާ ކުއާޓާއަށް ދަތުރުކުރީ ފަސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމްގެ މައްޗަށް ތިން ސެޓު ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ސެންޑްގްރެން ގެންދިޔައިރު ދެވަނަ ސެޓު 6-4 އިން ގެންދިޔައީ ތިއެމްއެވެ. ތިންވަނަ ސެޓު 7-6 އިން ސެންޑްގްރެން ގެންދިޔައިރު ހަތަރު ވަނަ ސެޓު 7-6 އިން ގެންދިޔައީ ތިއެމްއެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ސެންޑްގްރެން ގެންދިޔައީ 6-3 އިންނެވެ.

މި މުބާރާތުން ޖޮކޮވިޗް ކަޓާފައިވާއިރު އޭނާއަކީ ހަ ތަށްޓާއެކު މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް