ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:49
ޤާސިމް އިބްރާހީމް: މިހާރު ވެސް ހުންނެވީ ބޮޑު ހުކުމެއްގައި
ޤާސިމް އިބްރާހީމް: މިހާރު ވެސް ހުންނެވީ ބޮޑު ހުކުމެއްގައި
ޓްވިޓަރ
މަގޭ ރިޕޯޓް
ހުތް ކިބައެއްހެން ގާސިމް ފެލާލުން- ރައީސް ޔާމީންގެ ބޮޑު ވައުދު؟
ޤާސިމްގެ ބޭނުން ރައީސް ޔާމިން ހިއްޕެވީ އެކިއިރު އެކިގޮތަށް
ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމްގެ އެހީއާއެކު
ގާސިމް މިއަދު އެވަނީ އިނދަ ޖެހުމުގެ މަގުމަތީގައި

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ހިލުމެއް ހިލުނު ދުވަސްވަރެކެވެ. ޤާސިމް އިބރާހީމަށް ފިނޭންސް މިނިސްޓަރުކަން ދެއްވައި ޑީއާރުޕީ ތެރޭގައި ވެސް ޤާސިމާއި އިލްޔާސް އިބްރާހީމްގެ ބާރު ގަދަވި ދުވަސްވަރެކެވެ. އެކަންކަމާ ހިތްޕުޅާ ހަމަނުވެ ރައީސް ޔާމީން އާއި އެކުވެރިންކޮޅެއް ނިކުންނަވައި "ޕީއޭ" އޭ ކިޔާ ޕާޓީއެއް އުފައްދަވައިގެން ސަރުކާރަށް ޕްރެޝަރ ކުރައްވަމުން ދިޔަ ދުވަސްވަރެވެ. ރައީސް މައުމޫނަށް ކެނޑިނޭޅި އިންޒާރުގެ ސިޓީތައް ފޮނުއްވައި ހެއްދެވި ދުވަސްވަރެވެ.

ރައީސް ޔާމީންގެ އޭރުގެ ބޮޑު ވައުދެއް އޮތެވެ. ދެއްވަމުން ގެންދެވި އިންޒާރެއް އޮތެވެ. އިންޓަރނެޓް ވެބަސައިޓްތަކުގަ އާއި އެހެންހިނެން ގޮތްގޮތުންނެވެ. ނުވަތަ ރައްޓެހިންގާތުގައި ދައްކަވާ ވާހަކަތަކުންނެވެ. އެއީ ޤާސިމް އިބްރާހިމް ނުވަތަ ބުރުމާ ގާސިމް ހުތްކިބައެއްހެން ފެލާލުމެވެ.

ރައީސް ޔާމީންގެ އެވައުދު ގިނަ ބަޔަކު ގަބޫލް ކުރަމުން އައީ ބޮޑު ވައުދެއްގެ ގޮތުގައެވެ. ޚާއްޞަކޮށް އެމަނިކުފާނަށް ހެޔޮއެދޭ ރައްޓެހިން ގަބޫލްކުރަމުން ދިޔައީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައެވެ.

އެކަމަށްޓަކައި އެކިދުވަސްވަރު އެކިގޮތައް ކަންކަން ކުރެވުނު ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު، އެވައުދު ފުއްދުމަށްޓަކައި ރައީސް ޔާމީން ގެންދެވީ ވަރަށް ކާމިޔާބު މަޅިތަކެއް ޖައްސަވަމުންނެވެ. ގާތް ކުރައްވައި ރަނގަޅަށް މަޑައަށް ހެޔޮވަރު ކުރައްވަމުންނެވެ. އެކަމަށް މަގު ފަހި ކުރުމަށްޓަކައި އެމަނިކުފާނު ގެންދެވީ ޚުދު ޤާސިމް އިބްރާހީމްގެ ބޭނުން ކުރައްވަމުންނެވެ. ޤާސިމްގެ ކަރަށް މަހާނެ މަޅި ނުވަތަ ފެލާލުމަށްޓަކައި ތައްޔާރުވީ ޚުދު ޤާސިމް ބޭނުން ކުރައްވައިގެންނެވެ.

ބެދޭމަޅި ނުފެންނަ ބީދަ އިން ޤާސިމްއަކަށް ދޮންކަޅު ވެސް ނޭނގެއެވެ. ނުވަތަ އެނގޭކަށް ބޭނުމެއް ނުވެއެވެ. ނޫން ނަމަ އަބަދުވެސް ކޮންމެވެސް އެހެން ކަމެއްގެ ތެރެއަށް ގެނބި އެއާ ދުރުވެވޭކަށް ނޯވެއެވެ.

ފަހަރުގައި އެއީ ރައީސް ޔާމީންގެ ވިސްނުންފުޅު ތޫނުކަމުން ނުވަތަ އެމަނިކުފާނުގެ ހުށިޔާރު ކަމުން ކަންވާ ގޮތް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މަޝްހޫރު 7 ފެބްރުއަރީގައި އެގަތްގަނޑާއެކު އުފެދުނު ސަރުކާރެވެ. އެސަރުކާރު ގެނެވުނު ގޮތާއި އެކަމުން ސަލާމަތް ވުމުގެ ނަމުގައި 2013 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރެއްވުމެވެ. އެވެރިކަން ދެމެހެއްޓުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ނެގުމަށް އެނގިހުރެ ދެއްވި ދުލެވެ. ރައީސް ޔާމީންގެ ސަރުކާރު ތެރެއިން ދޭން ވައުދެވެ އަހުދު ކަށަވަރު ހިފި ބައިފަޅިތައް ނުދިނުމުން ވެސް ހިމޭނުން ހުންނެވުމެވެ. ބޭނުންވާ ވޯޓެއްގައި ފެއްސަށް ފިއްތުވައިގެން މަޖިލިސް ތެރެއިން ވެސް ގާސިމާއި ގާސިމްގެ ޓީމު އޮބިއަޅުވާފައި ބޭތިއްބުމެވެ. ބޭނުންވިހާ ޤާނޫނެއް ފާސްކޮށް ބޭނުންވިހާ ގޮތަކަށް ޤާނޫނުތަކަށާއި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ވެސް ޚުދު ޤާސިމްގެ ބޭނުން ކުރެއްވުމެވެ. މިހުރިހާ ކަމަކާ އެކު ފަހު ބޮނޑި މިހާރު އެއަޅާލީ އެންމެން ބަލަބަލާ ތިއްބައެވެ. އެހެން ގޮތަކަށް ބުނަންޏާ ރޯމާ ދުވާލުއެވެ. ގެސްޓުންނައިގެން ފުރިބާރުވެފައި އޮއްވާ ރިސޯޓްތަކަށް އެއެރީ ހަމަ ކުއްލިއަކަށެވެ. އެތައް ބަޔަކަށް އެހީތެރިވެ އެހެން މީހުން ބަލަހައްޓަމުން އަންނަ ގާސިމަށް އެމީހުންނަށް މުސާރަ ދެވޭނެ ގޮތް ވެސް ހުއްޓޭ ފަދަ ގޮތަކަށެވެ. މިހުރިހާ ދުވަހު ހިންގި ރިސޯޓްތައް އިނދަޖައްސާލާ ފަދަ ގޮތަކަށެވެ. ޤާނޫނީ ވަކީލުން ބުނާ ގޮތުން ނަމަ އެއްވެސް ޤާނޫނީ ހައްޖަތެއް ނެތް ގޮތަށެވެ. ހަމަ ހިތަށް އެރީމާ ހިތު ހުރި ގޮތަކަށް ކަންކުރާ ގޮތަށެވެ.

ކޮންމެއަކަސް ސިޔާސީ މީހުން ބުނާ ގޮތުގައި ޤާސިމް އެވަނީ ގާތްގަނޑަކަށް އިނދަޖައްސާލާފައެވެ. ނުވަތަ އިނދަޖައްސާލުމުގެ މަގުމަތީގައެވެ. އެވެރިން ޤަބޫލްކުރާ ގޮތުގައި ރައީސް ޔާމީން އެވަނީ އެމަނިކުފާނުގެ ވައުދު ފުއްދަވާފައެވެ. ހުތްކިބައެއްހެން ހަމަ ރަނގަޅަށް ވެސް ފެލާލާފައެވެ.

- ކޮމެންޓް
24 ޖެނުއަރީ 2018 | ބުދަ 22:54
ހ މ ޒ
ރާއްޖެ އަކީ ސުލްހަވެރި ގައުމެއްކަން މެހެމާނުންނަށް ދައްކައިދޭން ބޭނުން - ރައީސް