ޖަރުމަނު ބުންޑެސްލީގާގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބަޔާން މިއުނިކް އިން ޕޮއިންޓް ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި ލެވަކޫސެން އަތުން ބަޔާން މޮޅުވި މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފުރުސަތު ދީފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައި ވަނީ ޖޯޝުއާ ކިމިޗް އާއި ހުއާން ބަނާޓްގެ އިތުރުން ރޮބާޓް ލެވަންޑޯސްކީއަށެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބަޔާން އިން ބްރޭމަންގެ ގޯލަށް ނުރައްކާ ކުރަމުން ދަނިކޮށް ބަޔާންގެ ސަޕޯޓަރުން ސިއްސުވާލުމަށް ފަހު ޖެރޯމް ގެންޑޯފް ވަނީ ލަނޑެއް ޖަހައިދީ ބްރޭމަންއަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ތޯމަސް މުލާ ވަނީ ލަނޑެއް ޖަހައިދީ ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ބަޔާން އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކޯ ލަނޑެއް ޖަހައިދީ ބަޔާން އަށް ލީޑު ނަގައިދިނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ނިކޮލަސް ސޫލޭ އަތުން ބައިކޮޅަށް ވަން ލަނޑުން ބްރޭމަންއަށް ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. އެހެން ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ އަލުން އަނބުރާ ބަޔާންއަށް ލީޑު ނަގައިދިންއިރު 84 ވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ ބަޔާންއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއެކު ބުންޑެސްލީގާގައި ބަޔާންއަށް މުލާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.
ބަޔާ ލެވަކޫސެން ވަނީ ރަށުން ބޭރުގައި 4-1 އިން ހޮފެންހައިމް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ލެވަކޫސެންގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ލިއޯން ބެއިލީ އާއި ޖޫލިއަން ބައުމަލިންގާގެ އިތުރުން ލޫކަސް އަލާރިއޯއެވެ. ހޮފެންހައިމްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑަމް ސްލައިއެވެ. ހަމައެހެންމެ ފްރެއިބާގް އަތުން 2-1 އިން ބަލިވެ އާރްބީ ލީޕްޒީގް ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. ޓީމޯ ވާނާ ލީޕްޒީގްއަށް ލީޑު ނަގައިދިންއިރު ޖެނިކް ހާބާ އަދި ރޮބިން ކޮޗް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީ ފްރެއިބާގް މި މެޗުން މޮޅުކޮށްދީފައެވެ.
ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 47 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި 31 ޕޮއިންޓާއި ލަނޑުގެ ތަފާތުން ބަޔާ ލެވަކޫސެން އޮތްއިރު ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އެހެން ނަމަވެސް ލަނޑުގެ ތަފާތުން އޮތީ ޝާލްކޭއެވެ. ހަތަރު ވަނައިގައި އޮތް ލީޕްޒީގްއަށް ވެސް ލިބިފައިވަނީ 31 ޕޮއިންޓްއެވެ.