ފްރެންޗް ލީގުގައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭ މެމްފިސް ޑިޕޭ ޖެހި ލަނޑުން ޕީއެސްޖީ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗާ ޕީއެސްޖީ އިން ކުރިމަތިލީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ ތަރި ނޭމާއާ ނުލައެވެ. އޭނާއަށް މި މެޗުގައި ކުޅެވިފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ.
ފުރަތަމަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިޔޯން އިންނެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލިޔޯން އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމުގެ ކެޕްޓަން ނަބިލް ފެކިރްއެވެ. މި ލަނޑަށް ފަހު ޕީއެސްޖީ އިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއިރު އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ހާފުގައި އެ ޓީމަށް ގޮންޖެހުންތަކަކާ ކުރިމަތިވެގެންދިޔައީ ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ ގުޅިގެންނެވެ. އެމްބާޕޭ ދަނޑުން ބޭލި ނަމަވެސް ޕީއެސްޖީ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑެނީ އަލްވޭސް ނަގައިދިން ހުރަހަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޭވިން ކުރްޒަވާއެވެ.
ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި ޑެނީ އަލްވޭސްއަށް ރަތް ކާޑު ދެއްކުމާ އެކު ޕީއެސްޖީ އިން މެޗުގެ ބާކީ ބައި ފުރިހަމަކޮށްފައި ވަނީ 10 ކުޅުންތެރިންނާ އެކުއެވެ. މި ރަތް ކާޑަށް ފަހު ލިޔޯން އިން މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމުން މެޗުން މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ މެމްފިސް ޑިޕޭއެވެ.
ފްރެންޗް ލީގުގައި މޮނާކޯ ވެސް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން މެޓްޒް ބަލިކޮށްފައެވެ. މި މެޗުގައި މޮނާކޯއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޖޯޖޭ އާއި ރާޝިދު ގެޒާލްގެ އިތުރުން ރޮނީ ލޮޕޭޒްއެވެ. މި މެޗުގައި މެޓްޒްގެ ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ނިއާނޭއެވެ.
މާސޭ ވެސް ވަނީ ރަށުން ބޭރުގައި ސިއެން ބަލިކޮށްފައެވެ. މި މެޗުގައި މާސޭގެ ލަނޑުތައް ޖަހައިދިނީ ޑިމިޓްރީ ޕަޔޭ އަދި ފްލޯރެން ތޯވިންއެވެ.
ފްރެންޗް ލީގުގައި ހުރިހާ ޓީމެއް ވެސް މިހާތަނަށް 22 މެޗު ކުޅެފައިވާއިރު 56 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި 48 ޕޮއިންޓާ އެކު ލިޔޯން އޮތްއިރު ތިންވަނައިގައި 47 ޕޮއިންޓާއެކު އޮތީ މާސޭއެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ ޗެމްޕިއަން މޮނާކޯ އޮތީ 46 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.