ރަށުން ބޭރުގައި ރެއާލް ބެޓިސްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާ، ސްޕެނިޝް ލީގުގެ ތާވަލްގެ ކުރީގައިވާ ބާސެލޯނާ އިން ލީޑު ފުޅާކޮށްފި އެވެ.
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއާލް ބެޓިސް އާ ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކުރީ 5-0 ންނެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު، ބާސެލޯނާގެ ފަސް ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު ހާފްގައެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ބާސެލޯނާ އަށް ކުރި ހޯދައިދިނީ އިވާން ރަކިޓިޗެވެ. އޭގެ ފަސް މިނިޓު ފަހުން ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ.
ބާސާގެ ތިންވަނަ ލަނޑު، 69 ވަނަ މިނިޓުގައި ޖަހައިދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުވަރޭޒް އެވެ.
ބާސާގެ ހަތަރުވަނަ ލަނޑު 80 ވަނަ މިނިޓުގައި މެސީ ޖަހައިދިން އިރު، މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބާސާގެ ފަހު ލަނޑު ޖަހައިދިނީ ސުއަރޭޒް އެވެ.
މިއީ ސުއަރޭޒް ސްޕެނިޝް ލީގުގައި ޖެހި 100 ވަނަ ލަނޑެވެ. ސްޕެނިޝް ލީގުގައި އޭނާ 100 ލަނޑު ހަމަކޮށްފައި ވަނީ 114 މެޗުންނެވެ.
މިމެޗުގައި ޖެހި ދެ ލަނޑާއެކު، ސްޕެނިޝް ލީގުގައި މިސީޒަނުގައި ކުޅުނު 20 މެޗުގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފައެވެ. ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް އޭނާ އެވެ.
މިމޮޅާއެކު ތާވަލްގެ ކުރީގައިވާ ބާސެލޯނާ އިން ވަނީ، ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑާއި ދެމެދުވާ ފަރަގު 11 ޕޮއިންޓަށް ފުޅާކޮށްފައެވެ.
މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ބާސެލޯނާ އަށް ލީޑު ފުޅާވެފައިވަނީ، ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު 1-1 ން އެއްވަރުވެފައިވާތީ އެވެ.
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށްފަހު، ލީގު ތާވަލްގެ އެއްވަނާގައިވާ ބާސެލޯނާ އަށް ވަނީ 20 މެޗުން 54 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް 43 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައިވާ ވެލެންސިއާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. މިތިން ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލްގެ ހަތަރުވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. 34 ޕޮއިންޓާއެކު ފަސްވަނާގައިވަނީ ވިޔަރެއާލް އެވެ.
ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ އެންމެ މެޗެކެވެ. އެމެޗުގައި އަމިއްލަ ދަނޑުގައި އެއިބާ ނުކުންނާނީ މަލާގާ އާއި ދެކޮޅަށެވެ.