ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން އަމިއްލަ ދަނޑުގައި ހޯދި ފަސޭހަ މޮޅާއެކު ރެއާލް މެޑްރިޑުން، ލީގު ތާވަލްގެ ތިންވަނާގައިވާ ވެލެންސިއާ އާ ދެމެދުވާ ޕޮއިންޓުގެ ފަރަގު ހަނިކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދީ ހަތް ލަނޑު އެއް ލަނޑުންނެވެ.
ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޑިޕޯޓިވޯ އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޑިޕޯޓިވޯ އަށް ކުރިހޯދައި ދިނީ އެޑްރިއަން ލޯޕޭޒް އެވެ.
އޭގެ ނުވަ މިނެޓު ފަހުން ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނާޗޯ ފެނާންޑޭޒް އެވެ. މިމެޗުގެ ފުރަތަމަ ހާފް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރެއާލް އަށް ކުރި ހޯދައިދިނީ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް އެވެ.
މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ރެއާލް އިން ވަނީ ފަހު ހާފްގައި ޑިޕޯޓިވޯ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ފުޅާ ކޮށްދިނީވެސް ބޭލް އެވެ.
ރެއާލްގެ ހަތަރުވަނަ ލަނޑު 68 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ޖަހައިދިންއިރު، އެޓީމުގެ ފަސްވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލްގެ ހަވަނަ ލަނޑު، 84 ވަނަ މިނެޓުގައި ޖަހައިދިނީވެސް ރޮނާލްޑޯ އެވެ.
ރެއާލްގެ ފަހު ލަނޑު، މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ނާޗޯ ފެނާންޑޭޒް އެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން މޮޅުވި ފަހުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް މޮޅުވި ފުރަތަމަ މެޗެވެ.
މިމޮޅާއެކު ރެއާލް އިން ތާވަލްގެ ހަތަރުވަނަ މަގާމަށް ޖެހިލިއިރު، ތާވަލްގެ ތިންވަނަ މަގާމުގައިވާ ވެލެންސިއާ އާ ދެމެދުވާ ފަރަގު ވަނީ 5 ޕޮއިންޓަށް ހަނިވެފައެވެ.
އާދީއްތަ ދުވަހު ވެލެންސިއާ ވަނީ ރެލިގޭޝަން ޒޯނުގައިވާ ލަސް ޕަލްމާސް އަތުން ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ބަލިވެފައެވެ. އަލާވޭސް އަދި ލެގާނޭސް ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ރެއާލް ސޮސިއަޑާޑް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.
މިނަތީޖާތަކަށްފަހު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލި ރެއާލް މެޑްރިޑަށް 19 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، 20 މެޗުން 40 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައި ވަނީ ވެލެންސިއާ އެވެ.