ވަޓްފޯޑްގެ ކޯޗުގެ މަގާމުން އާދީއްތަ ދުވަހު ވަކިކުރި މާކޯ ސިލްވާގެ ބަދަލުގައި އެމަގާމަށް ސްޕެއިންގެ ކޯޗު ހާވީ ގްރާސިއާ ހަމަޖައްސައިފި އެވެ.
ވަޓްފޯޑްގެ ކޯޗުގެ މަގާމުން ސިލްވާ ވަކިކުރިކަން އެކްލަބުން ހާމަކުރިތާ 8 ގަޑިއިރު ނުވަނީސް، އެކްލަބުން ވަނީ އައު ހެޑް ކޯޗަކަށް ގްރާސިއާ ހަމަޖެސިކަން އިއުލާން ކޮށްފައެވެ.
ވަޓްފޯޑްގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނެއްގައި ވަނީ، 47 އަހަރުގެ ގްރާސިއާ އެކްލަބާއެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ އަކީ 2012 ވަނަ އަހަރު ޕޯޒޯ އާއިލާ އިން ވަޓްފޯޑް ހިންގަން ފެށި ފަހުން އެކްލަބާއި ހަވާލުވި 10 ވަނަ ކޯޗެވެ.
ހޯމަ ދުވަހު ބާއްވާ ވަޓްފޯޑްގެ ތަމްރީންތަކުގައި ގްރާސިއާ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގްރާސިއާ އެކްލަބާއި ހަވާލުވިއިރު، ހޮނިހިރު ދުވަހު ލެސްޓާ އަތުން 2-0 ން ބަލިވި މެޗަށްފަހު ވަޓްފޯޑް އޮތީ 24 މެޗުން 26 ޕޮއިންޓާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ 10 ވަނައި ގައެވެ.
ވަޓްފޯޑްގެ ކޯޗުގެ ގޮތުގައި ގްރާސިއާގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު ސައުތެމްޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ.
ގްރާސިއާ އަކީ މީގެ ކުރިން ސްޕެއިން، ރަޝިއާ އަދި ގްރީސްގެ ބައެއް ކްލަބުތަކަށް އިރުޝާދު ދީފައިވާ ކޯޗެކެވެ.
ސްޕެއިންގެ މަލާގާ އަށް އޭނާ އިރުޝާދު ދިން 2 ސީޒަނުގައި މަލާގާއިން ލީގު ނިންމާލާފައި ވަނީ ގަދަ 10 އެއްގައި ހިމެނިގެންނެވެ. އޭނާގެ އިރުޝާދުގެ ދަށުން މަލާގާ ވަނީ ސްޕެއިންގެ އެންމެ ވަރުގަދަ ކްލަބުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މީގެ އިތުރުން އޭނާ ވަނީ ރަޝިއާގެ ރުބިން ކަޒާން އަށްވެސް އިރުޝާދު ދީފައެވެ.
މިސީޒަނުގައި ވަޓްފޯޑަށް އިރުޝާދު ދިން މާކޯ ސިލްވާ މަގާމުން ވަކިކޮށްފައި ވަނީ، ވަޓްފޯޑްގެ ހުއްދަނެތި ޕްރިމިއަރ ލީގުގެ ކްލަބް އެވަޓަން އިން އޭނާ ގެންދިއުމަށް މަސައްކަތް ކުރި މައްސަލައާއި ގުޅިގެން ކަމަށް ވަޓްފޯޑް އިން ބުނެއެވެ.
ވަޓްފޯޑްގެ ކޯޗުގެ މަގާމުން ސިލްވާ ވަކިކުރިއިރު، ވަޓްފޯޑް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ވަޓްފޯޑް އަކީ މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބުތަކުން ވަކިކުރި 8 ވަނަ ކޯޗެވެ. ވަޓްފޯޑްގެ ކުރިން ކްރިސްޓަލް ޕެލަސް، އެވަޓަން، ލެސްޓާ ސިޓީ، ސްޓޯކް ސިޓީ، ސްވަންސީ އަދި ވެސްޓް ބްރޮމްގެ އިތުރުން ވެސްޓް ހޭމް އިން ވެސް ވަނީ މިސީޒަނުގެ ކުރީކޮޅު އެ ކްލަބަށް އިރުޝާދުދިން ކޯޗުން ވަކިކޮށްފައެވެ.