ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 15:41
ކެރޮލައިން ވޮޒްނިއާކީ
ކެރޮލައިން ވޮޒްނިއާކީ
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ވޮޒްނިއާކީ އުއްމީދު ދަމަހައްޓައިފި
ވޮޒްނިއާކީ ކުއާޓާއަށް ދަތުރުކުރީ ސްލޮވާކިއާގެ މެގްޑަލޭނާ ރިބަރިކޯވާ ސީދާ ދެ ސެޓުން ބަލިކޮށްގެން

އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްއިން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ޖާގަ ހޯދައި މުބާރާތުގެ ތަށި ހޯދުމަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓައިފިއެވެ.

މި މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ވޮޒްނިއަކީ ކުއާޓާއަށް ދަތުރު ކުރީ 20 ވަނައަށް ސީޑު ކުރެވިފައިވާ ސްލޮވާކިއާގެ މެގްޑަލޭނާ ރިބަރިކޯވާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް 63 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ވޮޒްނިއަކީ ގެންދިޔައީ 6-3 އަދި 6-0 އިންނެވެ.

މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއަކީ ބުނީ އޭނާގެ ކުޅުމާއިމެދު ވަރަށް އިތުބާރު އެބައޮތް ކަމަށާއި އެކަމާއި ވަރަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ޕްރެކްޓިސްތަކުގައި ވަރަށް މަސައްކަތް ކުރާ ކަމަށާއި މިހާރު ފެންނަމުންދަނީ އެކަމުގެ ނަތީޖާ ކަމަށެވެ. ކުއާޓާގައި ވޮޒްނިއާކީ ނުކުންނަން ޖެހޭނީ ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯއާ ދެކޮޅަށެވެ.

ނަވާރޯ ކުއާޓާ ފައިނަލްއަށް ދަތުރު ކުރީ ދެ ގަޑިއިރާއި 17 މިނެޓުގެ ތެރޭގައި ތިން ސެޓު އެއް ސެޓުން 32 ވަނައަށް ސީޑު ކުރެވިފައިވާ އެސްޓޯނިއާގެ އެނެޓް ކޮންޓަވިއެޓް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ނަވާރޯ ގެންދިޔައިރު ދެވަނަ ސެޓު 6-4 އިން ގެންގޮސް ކޮންޓަވިއެޓް ވަނީ މެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޓައި ބްރޭކާ ނަވާރޯ ގެންދިޔައީ 8-6 އިންނެވެ.

ހަމައެހެންމެ ދުނިޔޭގެ ރޭންކިންގެ 37 ވަނައިގައި އޮތް ބެލްޖިއަމްގެ އެލީސް މާޓެންސް ވަނީ ކްރޮއޭޝިއާގެ ޕެޓްރާ މާޓިޗް ސީދާ ދެ ސެޓުން ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-6 އަދި 7-5 އިންނެވެ. އޭނާ ވެގެން ގޮސްފައި ވަނީ 2012 ވަނަ އަހަރު ކިމް ކްލިސްޓާސް އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދި ފަހުން މި މުބާރާތުގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދި ބެލްޖިއަމްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް