ގައުމީ ޓީމުގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އިނގިރޭސިވިލާތުގައި ތަމްރީނުތަކެއް ފުރިހަމަކޮށްފިއެވެ.
އަޑުބަރޭ ކުރި ޓްވީޓެއްގައި ވަނީ ލަންޑަނުގެ ސައުތް ލަންޑަން ފުޓްބޯޅަ ޓީމާއެކު އެއް މަސް ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި އޭނާއަށް މި ފުރުސަތު ލިބިފައިވަނީ އޭނާގެ އެކުވެރި އަލީ ވަހީދު ނުވަތަ ފުޓްބޯޅައިގެ ނަމުންނަމަ ބަލަކްގެ އެހީތެރިކަމާއެކު ކަމަށެވެ. މި ޓްވީޓުގައި އަޑުބަރޭ ބުނެފައިވަނީ ދެ އަހަރު ދުވަހަށް ފަހު ބަލަކްއާ ބައްދަލުވުމުން ވަރަށް އުފާވާ ކަމަށާއި މި ފުރުސަތު އޭނާއަށް ހޯދައިދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ހަމައެހެންމެ މި ހިނގަމުންދާ 2018 ވަނަ އަހަރު ރާއްޖޭއިން ބަލަކްއާ ބައްދަލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އަޑުބަރޭގެ މި ޓްވީޓުގައިވެއެވެ.
Ekuveri @ali20waheed aa 2 aharahvure gina dhuvas fahun bahdhalu vumun varah ufaavejje. Londonge South London Football Network teamaa eku 1 mas dhuvahuge thamreen hoadhaidhin kamah takai varah bodah shukuriyyaa! 2018 vana aharu dhivehi raajje in bahdhalu vaane kamah yageen kuran! pic.twitter.com/mziFnMXXlO
— Ashadh Ali (@ashadh_ali) January 20, 2018
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންގެ ގޮތުގައި ބަލަކް ހުންނެވި ދުވަސްވަރު އަޑުބަރޭ ވަނީ އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. ބަލަކްގެ ޗެއާމަންކަމުގެ ދަށުން ނިއުއިން ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަންކުރިއިރު އަޑުބަރޭ ވެސް އެ ޓީމުގައި ހިމެނުނުއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި ބަލަކްއަކީ ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅެއްވި ކުޅުންތެރިޔެކެވެ.
އަޑުބަރޭ ތަމްރީން ފުރިހަމަކުރި އެކަޑަމީގައި ބަލަކް މަސައްކަތްކުރައްވަމުން އަންނަނީ ކޯޗެއްގެ ގޮތުގައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ލައިސެންސް އޮންނަ ކޯޗެކެވެ. އަޑުބަރޭ އަދި ބަލަކްއަކީ ފުޓްބޯޅައިގެ ބޭރުން ވެސް ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި ފާހަގަކުރެވިފައިވާ ދެ މީހުންނެވެ.
އިނގިރޭސިވިލާތުގައި އަޑުބަރޭ ތަމްރީނު ފުރިހަމަކޮށްފައިވާއިރު މި ސީޒަނުގައި އޭނާ ކުޅޭނެ ޓީމެއް އަދިވެސް ނިންމާފައިނުވެއެވެ. މިދިޔަ ސީޒަނުގައި އޭނާ މާޒިޔާގެ ފެހި ޖާޒީއިން ފެނުނުއިރު އަދި އޭނާ މާޒިޔާއާއެކު އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. 2006 ވަނަ އަހަރު ފުޓްބޯޅަ ކުޅެން ފެށި އަޑުބަރޭއަކީ ލީޑާޝިޕް ވަރުގަދަ ކުޅުންތެރިޔެކެވެ. މިކަމުގެ ސަބަބުން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ވެސް އޭނާއާ ހަވާލުކުރިއިރު އޭނާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ނަން ހިނގާ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ.