މި ފެށޭ ސީޒަނުގައި ވެސް މާޒިޔާ ސްޕޯޓްސް ކްލަބްއަށް ކުޅުމަށް އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ސޮއިކޮށްފިއެވެ.
މާޒިޔާގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ޓީމުން ވަނީ އަސައްކޮ އެ ޓީމާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރިކަން ކަށަވަރު ކޮށްދީފައެވެ. އެ ކްލަބްއިން ބުނީ ފާއިތުވެދިޔަ ސީޒަންތަކުގައި އެ ޓީމުން ހޯދި ކާމިޔާބީތަކުގައި އަސައްކޮގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އޭނާއަކީ އެ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އޭވައިއެލްއިން ތައާރަފްވި ފޯވާޑް މާޒިޔާއާ ގުޅުނީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްފައެވެ.
އަސައްކޮއަކީ މާޒިޔާއަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަވެގެންދިޔައީ މިދިޔަ ސީޒަނުގައި އޭނާއަށް އަނިޔާވެ ކްލަބާއި ދުރަށްދާން ޖެހުނު ހިސާބުންނެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު މޮޅު ކުޅުމެއް އަސައްކޮ ދެއްކިއިރު އޮގަސްޓް މަހު މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އޭގެފަހުން އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.
އަސައްކޮ ނެތްތަން ފޫބެއްދުމަށް މާޒިޔާއާ ދަތިތަކާއި ކުރިމަތިވިއިރު އެ ޓީމަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ މެސަޑޯނިއާގެ މަރްޔާން ސެކުލޮވޮސްކީ އަދި އިސްމާއިލް މަހުފޫޒް (އިންމަ) ވެސް އެކަން ފާހަގަކުރިއެވެ. ފޯވާޑް ލައިނުގައި އަސައްކޮ ނެތިވެ މާޒިޔާއިން ސީޒަނުގެ ފަހުބައި ނިންމާލީ ހުސްއަތާއެވެ.
އެ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު އުމައިރު ވަނީ އެ ޓީމު ދޫކޮށް މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވެފައެވެ. އޭނާ ނެތްތަން ފޫބެއްދުމުގެ ގޮތުން މާޒިޔާއިން ވަނީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރުން ކަމަށްވާ އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ތިމަރަފުށީ ޓީމަށް ކުޅުނު އާދަމް ނާސިހު (އާދަންނަ) ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ.
މި ކުޅުންތެރިންގެ އިތުރުން މާޒިޔާއިން ވަނީ ޓީސީއަށް ކުޅުނު ހުނަރުވެރި ފޯވާޑް ނާއިޒް ހަސަން (ދާދު) އަދި ކްލަބް އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އެ ޓީމަށް ގެނެސްފައެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިން މި ސީޒަނުގައި ވެސް އެ ޓީމުން ފެނިގެންދާނެއެވެ. އޭގެތެރޭގައި މޫސާ ޔާމީން (ޔާމްބެ) އާއި އިސްމާއިލް އީސަ (މެސީ) އާއި ޔަސްފާދް ހަބީބް (މުލަކޭ) އަދި ގާސިމް ސައްމާމް (ސައްމެ) ގެ އިތުރުން އަހުމަދު އިމާޒް (އާއްކޮ) ހިމެނެއެވެ.
މި ސީޒަނުގައި މާޒިޔާ ފެނިގެންދާނީ ވަރަށް ވަރުގަދަކޮށް ކަމަށް ބެލެވެއެވެ.