ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 13:26
މިދިޔަ އަހަރު ޓީސީއިން ކާމިޔާބު ކުރި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް ކަމަށްވާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް
މިދިޔަ އަހަރު ޓީސީއިން ކާމިޔާބު ކުރި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް ކަމަށްވާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް
ރާއްޖެއެމްވީ
އޭއެފްސީ ކަޕް 2018
ސައިފް ސްޕޯޓިން ކްލަބާއި ދެކޮޅަށް ކުޅުމަށް ޓީސީ ބަންގްލަދޭޝްއަށް
ޓީސީ ބަންގްލަދޭޝްއަށް ފުރާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ
މިފަހަރުގެ އޭއެފްސީ ކަޕް ވެގެންދާނީ ސަރަހައްދީ ފެންވަރުގައި ޓީސީ ވާދަކުރާ އެންމެ ބޮޑު މުބާރާތަށް
ޓީސީއާ ދެކޮޅަށް ނުކުންނަ ސައިފް ސްޕޯޓިން ކްލަބްއަކީ 2016 ވަނަ އަހަރު އުފެދުނު ޓީމެއް

އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ސައިފް ސްޕޯޓިން ކްލަބާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބަންގްލަދޭޝްއަށް ފުރައިފިއެވެ.

ޓީސީ ބަންގްލަދޭޝްއަށް ފުރާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މެޗަށް ނުކުންނައިރު ޓީސީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނައިޖީރިއާގެ ފޯވާޑް ޕީޓާ ކޮލަވޯލޭ އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އައްޒާމްއަށް ނުކުޅެވުމެވެ. މި ދެ ކުޅުންތެރިންނަށް މި މެޗު ގެއްލިފައިވަނީ ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ. މި މެޗަށް ފުރުމުގެ ކުރިން ޓީސީއިން ވަނީ މާލޭގައި ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސް ބައެއް މެޗު ވެސް ކުޅެފައެވެ.

އެހެން ނަމަވެސް އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ކަމަށްވާ ބެލާރުސްގެ ކީޕަރު ޑިމިޓްރީ އަސްނިން އާއި މިސްރުގެ ޑިފެންޑަރު އަލާ ނާސިރުގެ އިތުރުން ކިރްގިސްތާނުގެ މިޑްފީލްޑަރު އަންޓޮލީ ވަލްޝިޗޭވް މި މެޗުގައި ކުޅޭނެއެވެ. ހަމައެހެންމެ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ފޯވާޑުން ކަމަށްވާ އިޝާން އިބްރާހިމް (ސައްޓު) އަދި އަހުމަދު އާރިފް (އާރީ) މި މެޗުގައި ކުޅޭނެއެވެ.

މިފަހަރުގެ އޭއެފްސީ ކަޕް ވެގެންދާނީ ސަރަހައްދީ ފެންވަރުގައި ޓީސީ ވާދަކުރާ އެންމެ ބޮޑު މުބާރާތަށެވެ. މިދިޔަ އަހަރު އެ ޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބު ކޮށްފައެވެ. މި ކާމިޔާބު ވެގެންދާނީ މި މެޗަށް ނުކުންނައިރު ޓީސީއަށް މި މެޗުގެ އިތުބާރު ބޮޑުވެގެންދާނެ އެއް ސަބަބަށެވެ.

ޓިސީއަށް އޭއެފްސީ ކަޕްގެ ޖާގައެއް ލިބުނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ޖާގަ ސައިފް ސްޕޯޓިން ކްލަބްއަށް ލިބުނީ ބަންގްލަދޭޝް ލީގާއި ކަޕް ޑާކާ އަބަހާނީއިން ކާމިޔާބުކުރިއިރު ލީގުގައި ދެން އޮތް ގަދަ ތިން ޓީމުގެ ތެރެއިން އޭއެފްސީ ލައިސަންސް އޮތީ ސައިފް އަތުގައި ކަމަށްވާތީއެވެ.

ހަމައެހެންމެ ޓީސީއާ ދެކޮޅަށް ނުކުންނަ ސައިފް ސްޕޯޓިން ކްލަބްއަކީ 2016 ވަނަ އަހަރު އުފެދުނު ޓީމެކެވެ. މިއީ އެ ކްލަބްގެ ވެސް ބައިނަލްއަގްވާމީ އެންމެ ފުރަތަމަ ތަޖުރިބާއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ގައުމުގެ ޗިޓަގޮންގް އަބްހާނީގެ ގިނަ ކުޅުންތެރިންތަކެއް ލޯނު އެއްބަސްވުމެއްގެ ދަށުން ސައިފް ސްޕޯޓިން ކްލަބްއިން ވަނީ ގެނެސްފައެވެ. ޗިޓަގޮންގް އަބްހާނީ ވަނީ މިދިޔަ އަހަރު ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ވެސް ވާދަކޮށްފައެވެ.

ބަންގްލަދޭޝްއަށް ފުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ޓީސީއަށް މިހާ ބޮޑު ކާމިޔާބެއް ލިބިފައިވަނީ އެންމެން އެއްކޮށް ކުރި މަސައްކަތުން ކަމަށާއި އަމާޒަކީ މުބާރާތުގައި ދެވޭ އެންމެ ދުރަކަށް ދިޔުން ކަމަށެވެ. ނިޒާމްގެ ބުނީ އިދިކޮޅު ޓީމުގެ ކުޅުމުގެ ފެންވަރު ވެސް އެނގިފައިވާ ކަމަށާއި ޓީސީގެ ކުޅުން ބިނާ ކުރާނީ އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ވިސްނުމަށް ފަހު ކަމަށެވެ.

ސައިފް ސްޕޯޓިންއާ ޓީސީ ކުޅޭ ޕްރެލިމިނަރީ ބުރުގެ ފުރަތަމަ ލެގު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އޮންނައިރު ދެވަނަ ލެގު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ. ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް