ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 12:21
ޖިރޯނާއާ ދެކޮޅަށް ގްރީޒްމަން ލަނޑު ޖަހައިދިނީ
ޖިރޯނާއާ ދެކޮޅަށް ގްރީޒްމަން ލަނޑު ޖަހައިދިނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ އެއްވަރުވެ ބާސާއަށް ފުރުސަތު ބޮޑުވެއްޖެ
ޖިރޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޓްލެޓިކޯ ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެން
ވެލެންސިއާ ވަނީ ލަސް ޕަލްމާސް އަތުން 2-1 އިން ބަލިވެފައި
ވިޔަރެއާލް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެވަންޓޭ ބަލިކޮށްފައި

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން އެޓްލެޓިކޯ މެޑްރިޑް އެއްވަރުވެ ތާވަލުގެ ކުރީގައި ބާސެލޯނާއަށް ލިބިފައިވާ ލީޑު ފުޅާކުރުމަށް އެ ޓީމަށް ފުރުސަތު ބޮޑުވެއްޖެއެވެ.

މި ސީޒަނުގައި ލަލީގާއަށް އަލަށް ޕްރޮމޯޓްވި ކެޓަލޯނިއާއަށް ނިސްބަތްވާ ޓީމެއް ކަމަށްވާ ޖިރޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޓްލެޓިކޯ ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފު ފެށިގެން ރަނގަޅަށް ބޯޅަ ކޮންޓްރޯލްކޮށްގެން އެޓްލެޓިކޯއިން ވަނީ ކުޅެފައެވެ. އެ ޓީމުން ވަނީ ޖިރޯނާގެ ހާފަށް ބާރުބޮޑުކޮށް ޖިރޯނާގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯއިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންއެވެ. މި ލަނޑަށް ފަހު ޖިރޯނާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު ނަތީޖާ ހަމަހަމަކުރެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި ހާފުގައި ޖިރޯނާއިން ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ކްރިސްޓިއަން ޕޯޓޫ ލަނޑެއް ޖަހައިދީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

ލަލީގާގައި ލަސް ޕަލްމާސް އަތުން 2-1 އިން ބަލިވެ ތާވަލުގެ ކުރިޔަށް ޖެހުމަށް ވެލެންސިއާއިން ކުރަމުން އައި މަސައްކަތަށް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ސެންޓި މިނާ ވެލެންސިއާއަށް ލީޑު ނަގައިދިން ނަމަވެސް ޖޮނަތަން ވިއެރާ އަދި ޖޮނަތަން ކަލޭރީ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީ ލަސް ޕަލްމާސްއަށް މެޗުން ތިން ޕޮއިންޓް ހޯދައިދީފައެވެ.

ހަމައެހެންމެ ވިޔަރެއާލް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެވަންޓޭ ބަލިކޮށްފައެވެ. މި މެޗުގައި ވިޔަރެއާލްއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ މެނުއެލް ޓްރިގުއެރޯސް އަދި ޑެނިސް ޗެރިޝޭވްއެވެ. ހަމައެހެންމެ ލެވަންޓޭގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރޯޖާއެވެ. ސެވިއްޔާ ވެސް ވަނީ ރަށުން ބޭރުގައި 3-0 އިން އެސްޕަންޔޯލް ބަލިކޮށް ތާވަލުގެ ހަވަނައިގައި ހަމަޖެހިލާފައެވެ. މި މެޗުގައި ސެވިއްޔާއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ފްރޭންކޯ ވަސްކުއޭޒް އާއި ޕަބްލޯ ސަރާބިއާ އަދި ލުއިސް މުރިއެލްއެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 51 ޕޮއިންޓާ އެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 43 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 40 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 34 ޕޮއިންޓާއެކު ވަގުތީ ގޮތުން އޮތީ ވިޔަރެއާލްއެވެ. ފަސްވަނައިގައި ވަގުތީ ގޮތުން ރެއާލް މެޑްރިޑް އޮތްއިރު ހަވަނަ ލިބެނީ ސެވިއްޔާއަށެވެ.

- ކޮމެންޓް