އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓުގެ ގަދަ 16 އިން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ޖާގަ ހޯދިއިރު ރަޝިއާގެ މާރިއާ ޝަރަޕޯވާ ތަށި ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވެ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ވޮޒްނިއާކީ ގަދަ 16 އަށް ދަތުރު ކުރީ 30 ވަނައަށް ސީޑު ކުރެވިފައިވާ ނެދަލޭންޑްސްގެ ކީކީ ބާޓެންސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-4 އަދި 6-3 އިންނެވެ. ދެން އޮތް ބުރުގައި އޭނާ ނުކުންނަން ޖެހޭނީ ސްލޮވާކީއާގެ މެގްޑަލޭނާ ރިބަރިކޯވާއާ ދެކޮޅަށެވެ.
ގަދަ 16 އިގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި ގަދަ 16 ގެ މެޗަށް ވަރަށް ގިނަ އުއްމީދުތަކެއް ކުރަމުންދާ ކަމަށެވެ. ވޮޒްނިއާކީ ވެސް ވަނީ މެލްބަންގެ ގަދަ ހޫނުގައި މުބާރާތް ކުޅެން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެފައެވެ.
ދެވަނަ ފަހަރަށް މެލްބަންގައި ތަށި އުފުލާލުމަށް ޝަރަޕޯވާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވެ އޭނާ މުބާރާތާއި ވަކިވާން ޖެހުނީ 21 ވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުގެ އެންޖެލިކް ކާބާ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ސެޓުތައް ޝަރަޕޯވާއަށް ގެއްލުނީ 6-1 އަދި 6-3 އިންނެވެ. މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރީ ކާބާ ގަދަ 16 ގައި ނުކުންނާނީ ސްލޮވާކިއާގެ މެގްޑަލޭނާ ރިބަރިކޯވާއާ ދެކޮޅަށެވެ.
Maria Sharapova's hopes of a title-winning return to the Australian Open were unceremoniously crushed by Angelique Kerber as the battle of the former champions ended 6-1 6-3 in the German's favour. https://t.co/B6u1Y7hPrh
— The Hindu (@the_hindu) January 20, 2018
މެޗުން މޮޅުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކާބާ ބުނީ ޝަރަޕޯވާއާ ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި މޮޅު ކުޅުންތެރިޔަކާއި ދެކޮޅަށް ކުޅެ ގަދަ 16 އަށް ދަތުރުކުރެވުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. މެޗުން ބަލިވި ޝަރަޕޯވާ ބުނީ ކާބާގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އޭނާ މެޗުން ބަލިވީ ނަގަން ޖެހޭ ރިސްކް ނުނެގުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަމަށް ވަގުތު އެބައޮތް ކަމަށެވެ.
ދުނިޔޭގެ އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ވަނީ ފަހަތުން އަރައި ދެ ސެޓު އެއް ސެޓުން އެމެރިކާގެ ލޯރެން ޑޭވިސް ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ. ހަމައެހެންމެ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ވަނީ ސީދާ ދެ ސެޓުން އެ ގައުމުގެ ލޫސީ ސަފަރޯވާ ބަލިކޮށް ގަދަ 16 އިގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ކުޅުންތެރިންގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާ އާއި އެމެރިކާގެ މެޑިސަން ކީސްގެ އިތުރުން ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.
އެހެން ނަމަވެސް މިދިޔަ އަހަރުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަން ކަމަށްވާ ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯ ވަނީ ދެ ސެޓު އެއް ސެޓުން އެސްޓޯނިއާގެ އެނެޓް ކޮންޓަވިއެޓް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.