ސްޕެއިންގެ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ސާޖީ ރޮބާޓޯ އާކޮށްފިއެވެ.
ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ރޮބާޓޯ އާ އެއްބަސްވުމެއްގައި ސޮއިކުރިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބާސާއާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގެ ޓީމާއެކު މަޑުކުރާނެއެވެ. އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 500 މިލިއަން ޔޫރޯއެވެ. ރޮބާޓޯ ބާސާއާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އޭނާގެ މުޅި ކެރިއަރު ވެސް ވޭތުކޮށްފައިވަނީ އެ ޓީމުގައެވެ.
ބާސާގެ ޓީމުގައި ރޮބާޓޯ އަންނަނީ އެކި މަގާމުތަކަށް ކުޅެމުންނެވެ. އެގޮތުން ބާސާގެ ޑިފެންސާއި މިޑްފީލްޑްގެ އިތުރުން ފޯވާޑް ލައިނުގެ އެކި މަގާމުތަކަށް އޭނާ އަންނަނީ ކުޅެމުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރިއިރު އޭނާއަކީ ބާސާގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ. ޕީއެސްޖީ ލަދުވެތި ގޮތަކަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ކަޓުވާލިއިރު ބާސާ ކުއާޓާއަށް ދަތުރުކުރީ އެ މެޗުގެ އެންމެ ފަހުވަގުތު ރޮބާޓޯ ޖެހި ލަނޑުންނެވެ.
ބާސާގެ ޔޫތް ސިސްޓަމުން ތަމްރީނުވި ރޮބާޓޯ އެ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 178 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. ކްލަބް ފެންވަރުގައި ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ރޮބާޓޯ ވަނީ ޖުމްލަ 13 ތައްޓެއް ބާސާއާއެކު ހޯދާފައެވެ.