ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 22:05
ޖެރާޑް ޕީކޭ
ޖެރާޑް ޕީކޭ
އެފްސީ ބާސެލޯނާ
ބާސާގެ ކޮންޓްރެކްޓް
ބާސާގެ ކޮންޓްރެކްޓް ޕީކޭ އާކޮށްފި
ޕީީކޭ ސޮއިކުރި އާ ކޮންޓްރެކްޓާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގައި ދެމިހުންނާނެ
އެ ކްލަބުން ވަނީ އޭނާގެ ރިލީސް ފީ ވެސް 500 މިލިއަން ޔޫރޯއަށް ބޮޑުކޮށްފައި

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ބާސާގައި މުޅި ކެރިއަރު ވޭތުކޮށްފައިވާ ޕީކޭ ސޮއިކުރި އާ ކޮންޓްރެކްޓާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގައި ދެމިހުންނާނެއެވެ. ހަމައެހެންމެ އެ ކްލަބުން ވަނީ އޭނާގެ ރިލީސް ފީ ވެސް 500 މިލިއަން ޔޫރޯއަށް ބޮޑުކޮށްފައެވެ. ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ އޭނާ ކޮންޓްރެކްޓް އާކުރިކަން ކަށަވަރު ކޮށްދީފައެވެ.

މި ސީޒަނުގައި ޕީކޭ އަންނަނީ އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ބާސާއަށް 25 މެޗު ކުޅެދީފައެވެ. އެ ޓީމުގެ ޑިފެންސްގެ މައި ތަނބުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕީކޭ އަކީ ދަނޑުމަތީގައި ކެޕްޓަނެއްގެ ރޯލު ވެސް އަދާ ކުރާ ކުޅުންތެރިޔެކެވެ. އޭނާ ބާސާއާއެކު ކުރިން ހަދާފައި އޮތް އެއްބަސްވުން މި ހޫނު މޫސުމުގެ ނިޔަލަށް ހަމަވާނެއެވެ. އާ ކޮންޓްރެކްޓްގައި ހިމެނިފައިވާ ރިލީސް ފީއާއެކު އޭނާ ވެގެން ގޮސްފައިވަނީ ލިއޮނެލް މެސީގެ ފަހަތުން ބާސާގެ އެންމެ އަގުމަތި ކުޅުންތެރިޔާއަށެވެ.

ބާސާގެ ޔޫތް ސިސްޓަމުން ތަމްރީނުވި ޕީކޭ ވަނީ މީގެކުރިން މެންޗެސްޓާ ޔުނައިޓެޑްއަށް ވެސް ކުޅެފައެވެ. 2008 ވަނަ އަހަރު އަލުން އެނބުރި ބާސާއާ ގުޅުމަށް ފަހު އޭނާ ވަނީ މިހާތަނަށް 421 މެޗު ކުޅެދީ 37 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ކްލަބް ފެންވަރުގައި ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް