ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 21:57
ރިހާމް އަބްދުލް ޢަނީ (ބޮބީ)
ރިހާމް އަބްދުލް ޢަނީ (ބޮބީ)
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
ނިއު ރޭޑިއަންޓް
ނިއުއިން އަނެއްކާ ވެސް ޒުވާން ކުޅުންތެރިޔަކު ގެނެސްފި
އޭނާ ވަނީ މީގެކުރިން ގައުމީ ޓީމަށް ވެސް ކުޅެފައި
މިދިޔަ ސީޒަނުގެ ކުރީކޮޅު އީގަލްސްގައި އޭނާ މޮޅު ކުޅުމެއް ދެއްކި
ބޮބީ ވެގެން ގޮސްފައިވަނީ ނިއުއިން މި ފެށޭ ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް ގެނައި ހަވަނަ ކުޅުންތެރިޔާއަށް

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ޒުވާން މިޑްފީލްޑަރަކު އެ ޓީމަށް ގެނެސްފިއެވެ.

އެ ޓީމުން މިފަހަރު ގެނައި ކުޅުންތެރިޔަކީ ކްލަބް އީގަލްސްއަށް ކުޅުނު އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ރިހާމް އަބްދުލް ޢަނީ (ބޮބީ) އެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު އީގަލްސްގައި އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޓީމަށް އެންގުމެއް ނެތި ފުޓްސަލް ކުޅެން ދިޔުމާއެކު އީގަލްސްގެ ސްކޮޑުން އޭނާ ބާކީ ކުރިއެވެ. އެޔަށް ފަހު އޭނާ އެހެން ކްލަބަކުން ފެނިފައިނުވާއިރު އީގަލްސްގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް އެކުލަވާލި ގައުމީ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ.

ބޮބީ ވެގެން ގޮސްފައި ވަނީ ނިއުއިން މި ފެށޭ ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް ގެނައި ހަވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން އެ ޓީމުން ވަނީ އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމައިރާއި ކްލަބް ވެލެންސިއާގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ގެ އަދި ޔޫތް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި އުއްމީދީ ފޯވާޑް އިބްރާހިމް އަތީގްގެ އިތުރުން ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އުމުރުން 16 އަހަރުގެ ހަސަން އަބްދުލް ހަކީމް ވެސް އެ ޓީމަށް ގެނެސްފައެވެ.

ހަމަ އެހެންމެ ނިއުއިން އަންނަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗްގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެނައުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ އަމިއްލަ ސަބަބުތަކަށްޓަކައި އެނބުރި ގައުމަށް ދިޔަ އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯގެ ބަދަލުގައި ޔޫރަޕުގެ ފޯވާޑެއް ގެނައުމުގެ މަސައްކަތް ވެސް އެ ޓީމުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ މި ފެށޭ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެއެވެ.

ނިއު އިން އަންނަ ސީޒަނާ ކުރިމަތިލާނީ ސަރަހައްދީ ފެންވަރުގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ. މިކަން ހަގީގަތަކަށް ހެދުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް