މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ތިންވަނަ ބުރުން ސްޕެއިންގެ ރަފައޭލް ނަދާލް އަދި ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
ނަދާލް ތިންވަނަ ބުރަށް ދަތުރު ކުރީ ދުނިޔޭގެ ރޭންކިންގެ 51 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް އާޖެންޓީނާގެ ލިއޮނާޑޯ މޭޔާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަދާލް ގެންދިޔައީ 6-3، 6-4 އަދި 7-6 އިންނެވެ. ތިންވަނަ ބުރުގައި އޭނާ ނުކުންނަން ޖެހޭނީ ދުނިޔޭގެ ރޭންކިންގެ 30 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ބޮސްނިއާ ހަޒަގޮވީނިއާގެ ޑާމިރް ޒުމްހުރްއާ ދެކޮޅަށެވެ.
މެޗުން މޮޅުވުމަށް ފަހު ނަދާލް ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެ މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރެވުމުން ވަރަށް އުފާވާ ކަމަށާއި މިއީ އޭނާ އެންމެ ކުޅޭ ހިތްވާ މުބާރާތް ކަމަށެވެ. މެލްބަންގެ ފިނިހޫނުމިން 40 ޑިގްރީއަށް އަރާނެ ކަމަށް ބެލެވޭއިރު ނަދާލް ވަނީ މިހާ ހޫނު ގަދަ ދުވަސްވަރެއްގައި މުބާރާތް ކުޅެން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ބުނެފައެވެ.
މި މުބާރާތް ރެކޯޑު ހަ ފަހަރަކު ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ތިންވަނަ ބުރަށް ދަތުރުކުރީ ފްރާންސްގެ ގައެލް މޮންފިލްސް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން މޮންފިލްސް ގެންދިޔަ ނަމަވެސް ޖޮކޮވިޗް ވަނީ އޭގެފަހުން ކުޅުނު ތިން ސެޓު 6-3، 6-1 އަދި 6-3 އިން ގެންގޮސް މި މެޗު ކާމިޔާބުކޮށްފައެވެ.
Novak Djokovic sees off Gael Monfils in four sets.
— BBC Tennis (@bbctennis) January 18, 2018
He's through to round three of the #AusOpen
https://t.co/MY2BhUAGGP pic.twitter.com/hqtArxCN32
މި މެޗުން މޮޅުވުމަށް ފަހު 14 ވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ބުނީ އަދިވެސް އޭނާގެ ކުރީގެ ފޯމަށް ނާދެވޭ ކަމަށާއި އެހެން ނަމަވެސް ކުރިޔަށް ހުރި ބުރުތަކުގައި ކުރީގެ ފޯމަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ މޮންފިލްސްއާ ދެކޮޅަށް ކުޅުން ވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށް ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.
މި ކުޅުންތެރިންގެ އިތުރުން މުބާރާތުގެ 17 ވަނައަށް ސީޑުކުރެވިފައިވާ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ވެސް ވަނީ ސީދާ ތިން ސެޓުން ސާބިއާގެ ވިކްޓަރ ޓްރިއޯކީ ބަލިކޮށް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. މި މެޗުގެ ސެޓުތައް ކިރްގިއޯސް ގެންދިޔައީ 7-5، 6-4 އަދި 7-6 އިންނެވެ. ތިންވަނަ ބުރުގައި އޭނާ ނުކުންނާނީ 15 ވަނައަށް ސީޑު ކުރެވިފައިވާ ފްރާންސްގެ ޖޯ ވިލްފްރީޑް ސޮންގާއާ ދެކޮޅަށެވެ.
ހަމައެހެންމެ މުބާރާތުގެ ތިންވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ވެސް ވަނީ ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ. އޭނާ ތިންވަނަ ބުރަށް ދަތުރުކުރީ އެމެރިކާގެ މެކިންޒީ މެކްޑޮނަލްޑް ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ.
މި ކުޅުންތެރިންގެ އިތުރުން ރަޝިއާގެ އަންދްރޭ ރުބްލޭވް އާއި ކްރޮއޭޝިއާގެ މަރިން ސިލިޗް އާއި އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯގެ އިތުރުން ޖަރުމަނުގެ އެލެގްޒެންޑްރާ ޒްވަރޭވް ވެސް ވަނީ ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ.