މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އާކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ޑިފެންޑަރު ވަނީ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ އިން ކުޅުނު 23 މެޗުގެ ތެރެއިން 22 މެޗުގައި ކުޅެފައިވާ އޮޓަމެންޑީ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. ސްޕެއިންގެ ވެލެންސިއާ ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 28.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން އޮޓަމެންޑީ ބުނީ ކްލަބަށް ބަދަލުވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އެ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އިތުރު އަހަރުތަކެއް ވަންދެން ކްލަބްގައި މަޑުކުރުމަށް ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ އޭނާ ސިޓީއަށް ބަދަލުވިއިރު ހުރި ފެންވަރަށް ވުރެ މިހާރު އޭނާގެ ކުޅުމުގެ ފެންވަރު މާ ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށާއި ކޮންމެ މެޗަކަށް ފަހު ވެސް ގޯސް ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރާ ކަމަށެވެ.
މިވަގުތު ސިޓީ އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑަކާއެކުއެވެ. މިކަމަށް އިޝާރާތްކޮށް އޮޓަމެންޑީ ބުނީ ސީޒަނުގެ މިހާ ހިސާބަށް ކަންކަން ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި އުއްމީދަކީ ކުރިޔަށްހުރި ދުވަސްތަކުގައި ވެސް އެގޮތަށް ކަންކަން ކުރިޔަށް ގެންދިޔުން ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ ކޮންމެ މެޗަކަށް ވެސް ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި ބަލިވާ މެޗުތަކާއި ވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ސިޓީއަށް ފަސް ލަނޑު ޖަހައިދީފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ސިޓީ މޮޅު ކޮށްދިން ލަނޑު ވެސް ހިމެނެއެވެ. އޭނާ ބުނީ ޓީމުގައި މިހާރު އޭނާއަށް ލިބިފައި ވަނީ ވަރަށް މުހިންމު ރޯލެއް ކަމަށާއި ކޯޗުގެ އެހީތެރިކަން މިކަމުގައި ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ކޯޗު ގާޑިއޯލާގެ ކިބައިން ދަސްވަމުންދަނީ ހުސް އާ ކަންކަން ކަމަށް އޮޓަމެންޑީ ބުނެފައިވެއެވެ.
މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އާޖެންޓީނާގެ ޓީމުން އޭނާއަށް ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ. އޭނާ ވަނީ މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 51 މެޗު ކުޅެދީފައެވެ. މެންޗެސްޓާ ސިޓީއާއެކު އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާ އޮޓަމެންޑީ ވަނީ އެ ޓީމަށް ޖުމްލަ 114 މެޗު ކުޅެދީފައެވެ.