މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު އަހުމަދު އިމާޒް (އާއްކޮ) މި ފެށޭ ސީޒަނުގައި ވެސް އެ ކްލަބަށް ކުޅެން އެއްބަސްވެއްޖެއެވެ.
މާޒިޔާގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ކްލަބުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. މީގެކުރިން އީގަލްސްއާއެކު ފުރަތަމަ ޑިވިޝަނުން ފެނިގެންދިޔަ އާއްކޮ މާޒިޔާގެ ފެހި ޖާޒީއިން ފެންނަން ފެށީ 2015 ވަނަ އަހަރުއެވެ. އޭނާއަކީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ހަމައެހެންމެ އޭނާއަކީ މިހާރު ރާއްޖޭގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ.
މިދިޔަ ސީޒަނުގެ އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދި ނަމަވެސް ސީޒަނުގެ އެންމެ މުހިންމު ބައިގައި އެ ޓީމަށް އެންމެ މުބާރާތެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެ ޓީމަށް އޭއެފްސީ ކަޕްގެ ޖާގައެއް ގެއްލިފައިވާއިރު އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު އުމައިރު ވަނީ އެ ޓީމު ދޫކޮށް މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވެފައެވެ. އޭނާ ނެތްތަން ފޫބެއްދުމުގެ ގޮތުން މާޒިޔާއިން ވަނީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރުން ކަމަށްވާ އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) އެ ޓީމަށް ގެނެސްފައެވެ.
މި ކުޅުންތެރިންގެ އިތުރުން މާޒިޔާއިން ވަނީ ޓީސީއަށް ކުޅުނު ހުނަރުވެރި ފޯވާޑް ނާއިޒް ހަސަން (ދާދު) އަދި ކްލަބް އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އެ ޓީމަށް ގެނެސްފައެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިން މި ސީޒަނުގައި ވެސް އެ ޓީމުން ފެނިގެންދާނެއެވެ. އޭގެތެރޭގައި މޫސާ ޔާމީން (ޔާމްބެ) އާއި އިސްމާއިލް އީސަ (މެސީ) އަދި ޔަސްފާދް ހަބީބް (މުލަކޭ) ހިމެނެއެވެ.