މިއަހަރު ޖޫން މަހުގެ ތެރޭގައި ރަޝިއާގައި ފެށުމަށް ހަމެޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށް ޗައިނީޒް ސުޕާ ލީގުގައި ކުޅެމުން އަންނަ އެ ގައުމުގެ ފޯވާޑް އެލެގެޒަންޑްރަ ޕަޓޯ ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިނު ވާއިރު އޭނާ އަންނަނީ މިފަހަރުގެ ވޯލްޑް ކަޕްއަށް ބްރެޒިލްގެ ޓީމާއެކު ދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައީނީޒް ސުޕާ ލީގުގެ ތިންވަނަ ޓިއަންޖިން ގުއަންޖިންއިން ހޯދިއިރު އޭނާ އެ ޓީމަށް ކުޅުނު 24 މެޗުގައި 15 ލަނޑު ޖެހިއެވެ. މި ފޯމުގެ ސަބަބުން އެނާގެ އުއްމީދަކީ ބްރެޒިލްގެ ކޯޗު ޓީޓޭގެ ސްކޮޑުން އޭނާއަށް ފުރުސަތު ލިބުން ކަމަށް ޕަޓޯ ވަނީ ބުނެފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕަޓޯ ބުނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާ މަސައްކަތް ބިނާކުރީ ބްރެޒިލްގެ ގައުމީ ޓީމުން ފުރުސަތު ހޯދަން ކަމަށާއި މިދިޔަ ސީޒަނަކީ އޭނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ސީޒަނެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން އެ ކްލަބް އެހެން ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން ގައުމީ ޓީމަށް ވެސް އޭނާގެ ބޭނުން ހިފޭނެ ކަމަށް ދެކޭ ކަމަށް ޕަޓޯ ބުނެފައިވެއެވެ.
ޗައިނާގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ބްރެޒިލްގެ ގައުމީ ޓީމުން އާންމު ގޮތެއްގައި އެ ޓީމުގެ ކޯޗު ޓީޓޭ ފުރުސަތުދެއެވެ. އެގޮތުން ޑިއޭގޯ ޓާޑެލީ އާއި ޖިލްގެ އިތުރުން ރެނާޓޯ އޮގަސްޓޯ ފަދަ ކުޅުންތެރިންނަކީ ޗައިނީޒް ސުޕާ ލީގުގައި ކުޅެމުން ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދަމުންދާ ކުޅުންތެރިންނެވެ. ހަމައެހެންމެ މިހާރު ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޕައުލީނިއޯ އަކީވެސް ގުއަންގްޒޫ އެވަގްރާންޑޭގައި އޭނާ ކުޅުނު ދުވަސްވަރު ގަވާއިދުން ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދި ކުޅުންތެރިޔެކެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަޓޯ ބުނީ އެ ކުޅުންތެރިންނަށް ފުރުސަތު ލިބުނު ގޮތަށް އޭނާއަށް ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އަދިވެސް ވޯލްޑް ކަޕް ފެށުމަށް ވަރަށް ގިނަ ދުވަސް އެބައޮތް ކަމަށެވެ. އެހެންކަމުން މިވަގުތުގެ ބޭނުން ހިފައިގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޕަޓޯ ބުނެފައިވެއެވެ. އޭނާ ބުނީ މިގޮތަށް ކުޅެމުންދާ ނަމަ ރަހުމަތްތެރިކަމުގެ މެޗަކުން ވެސް ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އޭރުން އޭނާގެ ހުނަރު ކޯޗަށް ދައްކާލެވޭނެ ކަމަށެވެ.
އޭސީ މިލާންއާއި ޗެލްސީގެ އިތުރުން ވިޔަރެއާލްއަށް ވެސް ކުޅުނު ހުނަރުވެރި ފޯވާޑް ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް 27 މެޗު ކުޅެދީ 10 ލަނޑު ޖަހައިދީފައެވެ. ބްރެޒިލްގެ ޒުވާން ގައުމީ ޓީމާއެކު ދެކުނު އެމެރިކާގެ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ޕަޓޯއަކީ 2009 ވަނަ އަހަރު ބްރެޒިލްއިން ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ.