ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ބްރެޒިލްގެ ފްލުމިނެންސޭ 2015 ވަނަ އަހަރު ދޫކޮށްލި ފަހުން ރޮނާލްޑީނިއޯ ޕްރޮފެޝަނަލް މެޗެއް ކުޅެފައިނުވާއިރު އޭނާގެ ބޭބެ އަދި އޭޖެންޓް ރޮބާޓޯ އަސިސް ވަނީ އޭނާ ފުޓްބޯޅަ ކުޅުން އެއްކޮށް ހުއްޓާލިކަން ކަށަވަރުކޮށްދީފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރޮނާލްޑީނިއޯ ވަނީ މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.
އޭނާގެ ބޭބެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ ފުޓްބޯޅަ ދަނޑުމަތިން ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދެން ނުފެންނާނެ ކަމަށާއި ރަޝިއާގައި އޮންނަ ވޯލްޑް ކަޕްއަށް ފަހު އޭނާ ފުޓްބޯޅަ ދަނޑަށް އަލްވަދާއު ކިޔުން ކުލަގަދަގޮތެއްގައި ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބްރެޒިލްއާ ޔޫރަޕާއި އޭޝިއާގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި ހަމައެހެންމް ބްރެޒިލްގެ ގައުމީ ޓީމާއެކު ވެސް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އޭނާގެ ބޭބެ ބުނެފައިވެއެވެ.
އޭނާ ބުނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ކަމަށްވާ ނައިކްއިން މި ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށާއި އަދި އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ބާސެލޯނާއިން ވެސް މި ހަރަކާތްތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށެވެ. އަދި އެ ކްލަބްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ 10 އަހަރު ހޭދަކޮށްފައިވުމަކީ މިކަންކަން ކުރިޔަށް ގެންދިޔުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.
ރޮނާލްޑީނިއޯއަކީ އެކި މަގާމުތަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރު ފެށީ އަމިއްލަ ގައުމުގެ ޓީމެއް ކަމަށްވާ ގްރެމިއޯއިންނެވެ. އެޔަށްފަހު 2001 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ ދެއްކި މޮޅު ކުޅުމާއެކު 2002 ވަނަ އަހަރު ބްރެޒިލްއިން ކާމިޔާބުކުރި ވޯލްޑް ކަޕްގައި އޭނާ އެ ޓީމަށް ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.
ޔޫރަޕުގެ ފުޓްބޯޅަ އޭނާ ފަތަހަކުރީ ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވި ދުވަސްވަރުއެވެ. އެ ކްލަބުގައި ދެ ސްޕެނިޝް ލަލީގާއާ ޔުއެފާ ޗެމްޕިއަންސް ލީގެއް އޭނާ ކާމިޔާބުކުރިއިރު 2005 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑު ވެސް ހޯދާފައެވެ. އޭނާގެ ކެރިއަރުގައި އިޓަލީގެ އޭސީ މިލާންއަށް ވެސް ކުޅުނުއިރު ބްރެޒިލްގެ ކްލަބްތަކުގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރިއެވެ.
އޭނާގެ ކެރިއަރުގައި ޖުމްލަ 728 މެޗު ކުޅެފައިވާއިރު އެ މެޗުތަކުގައި އޭނާވަނީ 280 ލަނޑު ޖަހައިދީފައެވެ.