މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތުގެ ފަހުން ފުރަތަމަ ފަހަރަށް ވާދަވެރި މުބާރާތެއްގައި ވާދަކުރަމުން އަންނަ ޖޮކޮވިޗް މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 63 ވަނައިގައި އޮތް ޑޮނަލްޑް ޔަންގް ސީދީ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-1، 6-2 އަދި 6-4 އިންނެވެ. ދެވަނަ ބުރުގައި ޖޮކޮވިޗް ނުކުންނަން ޖެހޭނީ ދުނިޔޭގެ ރޭންކިންގެ 39 ވަނައިގައި އޮތް ފްރާންސްގެ ގައެލް މޮންފިލްސްއާ ދެކޮޅަށެވެ.
މި މެޗުން މޮޅުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރެވޭނެ ކަމަށް މީގެ މަހެއް ކުރިން އުއްމީދު ނުކުރާ ކަމަށާއި ޓެނިސް ކޯޓަށް އެނބުރި އާދެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ ހަ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން އެނބުރި މުބާރާތެއްގައި ވާދަކުރާ ނަމަ އެކަމަށް އެންމެ ރަނގަޅު މުބާރާތަކީ އޮސްޓްރޭލިއަން އޯޕަން ކަމަށެވެ.
މީގެ ކުރިން ހަ ފަހަރު މި މުބާރާތް ޖޮކޮވިޗް ކާމިޔާބުކޮށްފައިވެއެވެ.