މި ފެށޭ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ކުޅުމަށް ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒު (ނިޔާ) އަދި އުއްމީދީ ކުޅުންތެރިޔާ ހަސަން އަބްދުﷲ (އުޗީ) ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ފެނުނު ނިޔާއަށް މި ސީޒަން ވެގެންދާނީ ފުރަތަމަ ޑިވިޝަނުގައި އޭނާ ކުޅޭ 16 ވަނަ ސީޒަނަށެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ނިޔާ ޕްރިމިއާ ލީގުގައި ފެނިގެންދިޔައީ ގދ. ތިނަދޫ ޓީމުންނެވެ.
ނިޔާގެ އިތުރުން ގްރީންއާ ގުޅުނު އުޗީ ވަނީ މީގެ ކުރިން ކްލަބް އީގަލްސްއަށް ކުޅެފައެވެ. އޭނާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކުރެވޭ އުއްމީދީ މޮޅު ކުޅުންތެރިޔެކެވެ.
ތަޖުރިބާކާރު ކޯޗު އަލީ ސުޒައިންގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ނުކުންނަ ގްރީން އިން ވަނީ މި ކުޅުންތެރިންގެ އިތުރުން ޕްރިމިއާ ލީގުގައި ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިސްވާން (ފުކޭ) ވެސް އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް އައުކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ކުޅުނު ބިދޭސީ ދެ ކުޅުންތެރިން ވެސް މި ސީޒަނުގައި ފެންނާނެ ކަމަށް އެ ކްލަބުން ހާމކޮށްފައިވެއެވެ.
ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަންއަށް ޕްރޮމޯޓްވެ މިދިޔަ ސީޒަނުގައި އެސްޓީއޯ މާލެ ލީގުގެ ދެވަނަ ގްރީން އިން ހޯދިއެވެ. ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް ސީޒަނުގެ ފަހު ބައިގައި ދިމާވި މައްސަލަތަކުގެ ސަބަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގު އެ ޓީމުން ނިންމާލީ ފަސްވަނައިގައި އޮވެގެންނެވެ.